adbanner

adbanner

ފަހުގެ ލިޔުންތައް

ފަންނު ޕްރީ-ސްކޫލްގެ އާންޓީންނަށް ޓީޗަރުންގެ ދުވަސް ނާންނަފަދަ

Sunday, October 6, 2013 | 10:34 PM

ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުނު އެސެމްބްލީގެ ތެރެއިން: ޕްރީ-ސްކޫލް އާންޓީންނަށް ކުރެވޭނެ ކަމެއް ނެތް
މިއަހަރުގެ މުދައްރިސުންގެ ދުވަސް ރާއްޖޭގެ ތަޢުލީމްދޭ ސްކޫލްތަކާއި ޕްރީ-ސްކޫލްތަކުގައި ކުލަގަދަކޮށް ފާހަގަކުރެވެމުން ދިޔަ ނަމަވެސް ފަންނު ޕްރީ ސްކޫލްގެ ޓީޗަރުންނަށް ނުވަތަ އާންޓީންނަށް މި ދުވަސް ނުވެސް އަންނަ ފަދައެވެ.

ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގައިވެސް ޓީޗަރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ އިތުރުން، ޓީޗަރުންގެ ދުވަހުގެ ޙަރަކާތްތައް ވަނީ ދުވަސްތަކަކަށް ދިގުދެމިގެންދާގޮތަށް ރޭވިފައެވެ. އަދި ރާއްޖޭގެ އެކި ސްކޫލްތަކުގައި މިދިޔަ ބުރާސްފަތި ދުވަހު ނުވަތަ މިއަދު ޓީޗަރުންގެ ދުވަސް ފާހަގަކޮށްފައިވާއިރު ފަންނު ޕްރީ ސްކޫލްގައި އެއްވެސް ކަމެއް ނެތެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފަންނު ޕްރީ ސްކޫލްގައި  2012 ވަނަ އަހަރުގެ ޓީޗަރުންގެ ދުވަސް އެދެވޭ ގޮތެއްގައި ފާހަގަކޮށްފައިވެއެވެ. އަދި ސްކޫލްގެ މެނެޖްމަންޓްގެ ފަރާތުން އާންޓީންނަށް ފަރިއްކޮޅެއް އަރުވާފައިވެސް ވެއެވެ. މީގެ އިތުރުން ދަރިވަރުން ޓީޗަރުންނަށް ހަދިޔާ ދިނުމާއި ތަހުނިޔާ އާއި ހެޔޮ އެދުން ފާޅުކޮށް ކާޑުފަދަ ތަކެތި ދީފައިވެއެވެ. ނަމަވެސް މިއަހަރުގެ މިދުވަސް އައި އިރު ސްކޫލްގެ މެނެޖްމަންޓް ރަށުގައި ނެތެވެ. އަދި ސްކޫލަށް މިދުވަސްވަރު ޙާޒިރުވާ މަދު ޢަދަދެއްގެ ދަރިވަރުންގެ ފަރާތުންވެސް ޓީޗަރުންގެ ދުވަހާ ގުޅިގެން އެއްވެސް ކަމެއް ނެތެވެ. މިހެން ވުމުގެ ސަބަބުން އާންޓީންނަށްވެސް މި ދުވަސް ފާހަގަކުރެވެން ނެތި އެއްވެސް ކަމެއް ކޮށްފައިނުވާކަމުގައި މަޢުލޫމާތު ލިބިފައިވެއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ބެލެނިވެރިން ނިކުމެ ފަންނު ޕްރީ ސްކޫލް ބަންދުކޮށްފައި ވެއެވެ. އަދި އޭގެ އެއް ދުވަސް ފަހުން ސްކޫލް ހުޅުވައި ކިޔަވައިދިން ނަމަވެސް ސްކޫލަށް ޙާޟިރުވަނީ ވަރަށް މަދު ދަރިވަރުންނެވެ.

ދުވަސްތަކަކަށް ދެމިގެންދާ ޙަރަކާތްތަކަކާއެކު ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތައް އިއްޔެ ފެށިއްޖެ

Friday, October 4, 2013 | 11:40 PM

އިއްޔެ ބޭއްވުނު އެސެމްބްލީގެ ތެރެއިން
މިއަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތައް ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގައި އިއްޔެ ފެށިއްޖެއެވެ.

ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ބޭއްވުނީ ޚާއްޞަ އެސެމްބްލީއެކެވެ. އިއްޔެ ބޭއްވި އެސެމްބްލީގައި ޤުރުއާން ކިޔަވައި އަދި ތަރުޖަމާ ކިޔާފައިވަނީވެސް މުދައްރިސުންނެވެ. އަދި މުދައްރިސުންނަށް ދީނީގޮތުން ނަޞޭޙަތް ދިނުންވެސް އެސެމްބްލިގައި އޮތެވެ.

އިއްޔެ ބޭއްވި އެސެމްބްލީއަކީ ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގައި މިއަހަރު ބޭއްވޭ އެންމެ ފަހު އެސެމްބްލީ ކަމުގައިވާތީ އަހަރުތެރޭގައި ބާއްވާފައިވާ ބައެއް ޙަރަކާތްތަކާ މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށް އިނާމުދީފައިވެސް ވެއެވެ.

ހަފްތާ ބަންދުގައި ޙަރަކާތެއް ނެތް ނަމަވެސް ކުރިއަށް އޮތް ހަފްތާގެ ދުވަސްތަކުގައި ތަފާތު ގިނަ ކަންތައްތައް ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އޮންނާނެކަމުގައި މަޢުލޫމާތު ލިބިފައިވެއެވެ. އޭގެތެރޭގައި ޓީޗަރުންގެ ކުޅިވަރު ޙަރަކާތްތަކާއި ޓީޗަރުންނަށް ފަރިއްކޮޅެއް (ކެއުމެއް) ބޭއްވުމުގެ އިތުރުން ދަރިވަރުން ޝާމިލްވާ ޙަރަކާތްތައްވެސް ހިމެނެއެވެ. އަދި މިފަދަ ކޮންމެ ކަމަކަށް އިސްވެ ރާވާ ހިންގާނެ މީހުން ޢައްޔަންކުރެވިފައިވެއެވެ.

ކުއާޓަރފައިނަލުން ނިންމާލަން ޖެހުނަސް ހައިނަސް ޓީމަށް ތަޢުރީފް ޙައްޤު


މާލޭގައި ކުރިއަށްދާ ތިންވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލް މެޗްގައި އިއްޔެ ހައިނަސް ޓީމް ކާމިޔާބު ނުވެ މުބާރާތް ނިންމާލަން ޖެހިއްޖެއެވެ.

އިއްޔެ ހަވީރު ކުޅެވުނު މި މެޗްގައި ހައިނަސްއާއި ދެކޮޅަށް ކުޅެ މުއިވެޔޮ ފްރެންޑްސް ކްލަބް މޮޅުވީ 2-1 އިންނެވެ.

މެޗްގައި ފުރަތަމަކޮޅު ރަނގަޅަށް ކުޅެ ފުރަތަމަ ގޯލްޖެހީވެސް ހައިނަސް ޓީމުންނެވެ. ފުރަތަމަ ހާފް ނިމުނު އިރު 1-0 ގެ ލީޑްގައި އޮތްނަމަވެސް ޓީމް ކުޅުނީ މުހިއްމު ކުޅުންތެރިއެއް ނުލައި ބަދަލު ކުޅުންތެރިއަކާއެކުއެވެ. ދެވަނަ ހާފް ކުޅެމުން ދަނިކޮށް އިންޖަރީގެ އިތުރު މައްސަލަ ދިމާވެ މެދުތެރެއާއި ޑިފެންސަށް ކުޅޭ ކުޅުންތެރިން ވެސް ބަދަލުކުރަންޖެހި ޓީމްގެ ކުޅުމަށް ބަދަލު އައެވެ. އަދި މެޗް ނިމެން ވަރަށް ގާތްވެފައިވަނިކޮށް އޭރިޔާތެރެއިން ގޯލާއި ވަރަށް ކައިރިން ލިބުނު ހިލޭ ޖެހުމަކުން މުއިވެޔޮ ޓީމް ގޯލެއް ކާމިޔާބުކޮށް އެއްވަރު ކުރިއެވެ. އަދި މެޗް ނިމެން ސިކުންތުކޮޅަކަށް ވެފައިވަނކޮށް އެ ޓީމްގެ ދެވަނަ ގޯލް ކާމިޔާބުކޮށް މެޗް ހޯދިއެވެ.

ހައިނަސް ޓީމުން ބުނީ މި މުބާރާތުގެ ފައިނަލަށް ގޮސް ދެވަނަ ޑިވިޝަނަށް ދިއުމަށް އުއްމީދުކުރި ކަމަށާއި ނަމަވެސް އަންނަ އަހަރަށް އާ ޢަޒުމަކާއެކު ނުކުންނާނެ ކަމުގައެވެ.

ކުއާޓަރ ފައިނަލާ ހިސާބުން މުބާރާތް ނިންމާލަން ޖެހުނަސް ހައިނަސް ޓީމުން މި މުބާރާތުގައި ހޯދި ކާމިޔާބުތަކާއި ދެއްކި ހިތްވަރަށް ތަޢުރީފް ޙައްޤެވެ. އެ ޓީމް މިހާތަނަށް ކުޅެފައިވާ އެހެން ހުރިހާ މެޗްތަކުން ވަނީ މޮޅުވެފައެވެ. އަދި ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗްތަކުން ތަފާތު ބޮޑު ނަތީޖާތައް ހޯދާފައިވެއެވެ. އެއީ ފުރަތަމަ މެޗް 15-0، އަދި ދެވަނަ މެޗް 10-1 އެވެ.

މި މުބާރާތުގައި ހައިނަސް ޓީމުގެ ޢަލީ މުޚުތާރު ޖުމްލަ 15 ގޯލު ޖަހާފައިވާއިރު އޭގެ ތެރޭގައި 3 ހެޓްރިކް ހިމެނެއެވެ.

ގްރޭޑް 10 ގެ ގްރެޖުއޭޝަން ބާއްވައިފި

Tuesday, October 1, 2013 | 3:00 PM


ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 10 ގައި މިއަހަރު ތަޢުލީމް ޙާޞިލްކުރާ ދަރިވަރުންގެ ގްރެޖުއޭޝަން ނުވަތަ ގްރޭޑް 10 ނިންމުން ފާހަގަކޮށްފިއެވެ.

މިކަމަށްޓަކައި ރޭ ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ޚާއްޞަ ޙަފްލާއެއް ބާއްވާފައިވެއެވެ. މި ޙަފްލާގައި ބައިވެރިވި ގްރޭޑް 10 ގެ ދަރިވަރުންނާ މުޚާޠަބްކޮށް ޕްރިންސިޕަލް ފަޒްނާ ޔޫސުފް ފާރިޤް ވާހަކަދެއްކެވިއެވެ. ގްރޭޑް 10 ފުރިހަމަކުރުމަކީ ނިމުމެއް ނޫންކަމާއި މިއީ އަދި ފެށުމެއްކަމުގައި ފާހަގަކުރައްވައި، އޯލެވެލް އިމްތިޙާނާ ދެމެދު ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފައި އިމްތިޙާނަށް ތައްޔާރުވުމަށް ޚާއްޞަކޮށް ކުރެވިދާނެ ބައެއްކަންކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

މި ޙަފްލާގައި ދަރިވަރުންގެ ފަރާތުން ޝުޢޫރު ފާޅުކުރުންވެސް އޮތެވެ.

ޅ.އަތޮޅު ތަޢުލީމީ މަރުކަޒގެ ގްރޭޑް 10 ގައި މިއަހަރު ކިޔަވާފައިވަނީ ޖުމްލަ 88 ދަރިވަރުންނެވެ. އެއީ ސައިންސް ސްޓްރީމްގައި 45 ދަރިވަރުންނާއި ބިޒްނަސް ސްޓްރީމްގައި 43 ދަރިވަރުންނެވެ.

ކެމްޕޭން ހަރަކާތްތައް މުޅީން މަޑުޖެހިފައި

Monday, September 30, 2013 | 10:18 PM

ސެޕްޓެމްބަރ 6 ވަނަ ދުވަހުގެ ހަވީރު 6 ޖަހައި ކެމްޕޭން ހުއްޓަންޖެހޭ ވަގުތުޖެހުމާ ހަމައަށް ރިޔާސީ އިންތިޚާބުގެ ކެމްޕެއިންކުރުން ހިންނަވަރުގައިވެސް ދިޔައީ ވަރަށް ފޯރިއާއެކުއެވެ. ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުންވެސް އެބައެއްގެ ޖަގަހަތައް ހެދުމާއި ހުޅުވުމާއި ކެމްޕޭން ޖަލްސާ ބޭއްވުމުގެ އިތުރުން ދޮރުންދޮރަށް ހިންގުންފަދަ ހަރަކާތްތައް ބާއްވާފައިވެއެވެ. އަދި ރަށުތެރޭގައި ދިދަފަތި ދަމައި މެނިފެސްޓޯތައް އިޝްތިހާރުކުރަމުން ގެންގޮސްފައިވެއެވެ.

ރަމަޟާންމަސް ނިމުމާއެކު ކެމްޕޭންގެ ޙަރަކާތްތައް އިތުރުވިއެވެ. އިންތިޚާބާ ވަރަށް ގާތްވީފަހުންވެސް ރިޔާސީ ކެންޑިޑޭޓުންނާއި ރަނިންގ މޭޓުން އަދި ޕާޓީތަކުން އިސް ބޭފުޅުންވެސް ހިންނަވަރަށް ޒިޔާރަތްކުރެއްވިއެވެ. ކެމްޕޭންގެ އެއްވެސް ބާވަތެއްގެޙަަރަކާތަކަށް ހުއްޓުމެއް، މަޑުޖެހުމެއް އައިސްފައި ނުވެއެވެ. ނަމަވެސް މިހާރު ފެންނަނީ ތަފާތު މަންޒަރެކެވެ. ފުރަތަމަ ބުރުން ނިކުތް މައްސަލަތައް ކޯޓުގައި ވާއިރު، އިންތިޚާބުގެ ދެވަނަ ބުރު ބޭއްވޭނެ ދުވަހެއް ނޭނގުމުގެ އިތުރުން، ފުރަތަމަ ބުރު ބާޠިލްވެ އަލުން އިންތިޚާބު ބާއްވަންޖެހޭނެ ކަމަށް ކުރެވޭ ހީތަކާއެކު ކެމްޕޭން ކުރާނެ ގޮތަކާމެދު ސުވާލުއުފެދިފައިވެއެވެ. އަދި އިންތިޚާބުގައި ދެވަނަ ބުރަށް ގޮސްފައިވާ ޓީމުތަކުންވެސް ފެންނަނީ މާޔޫސްކަމެވެ.

ފުރަތަމަ ބުރުގެ ނަތީޖާއިން ތަފާތު ބޮޑު އެއްވަނަ ހޯދާފައިވާ އެމްޑީޕީގެ ކެމްޕެއިންވެސް ދެވަނަ ބުރަށް ފެށިއެވެ. ނަމަވެސް އެކަންވެސް މިހާރު މަޑުޖެހި ކެމްޕޭންކުރުން އެއްގޮތަކަށްވެސް ނެތޭ ދެންނެވިދާނެއެވެ. ރަށުގައި ތިންހަތަރު ކެމްޕޭންޖަގަހަ ހަދާފައިވިޔަސް، އިންތިޚާބުގެ މައްސަލަ މިހާރު ކޯޓުގައި ހިނގަމުންދާގޮތުން އެމްޑީޕީއަށް މިއީ ފަސޭހަ ވަގުތަކަށް ނުވެއެވެ. އެކަން އެމްޑީޕީގެ ހިންނަވަރު ކެމްޕޭން ޓީމުންނާއި ސަޕޯޓަރުންގެ ފަރާތުން ފެނެއެވެ. ރަށުގެތެރެއިން ކެމްޕެއިންގެ ކާރޫބާރޫ ނުފެނުމުގެ އިތުރުން ޖަގަހަތަކުގައިވެސް ކަމެއް ނުހިނގައެވެ. ދެވަނަބުރަށް ހޮވިފައިވާ ޕީޕީއެމްގެ ހިންނަވަރު ޓީމުންވެސް ދެވަނަ ބުރަށް ޑޯރ-ޓު-ޑޯރ ކެމްޕޭން ފެށިނަމަވެސް ކެމްޕެއިން މިހާރު އޮތީ މަޑުޖެހި ހުއްޓިފައެވެ.

ކެމްޕޭންގެ ޙަރަކާތްތައް ދެން ފެށޭނެކަމަށް ދެފަރާތުގެ ސަޕޯޓަރުންގެ ފަރާތުންވެސް ބުނަމުންދަނީ އިންތިޚާބާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިމުމުންނެވެ.

ހުޅުމަންދޫގެ މުޙައްމަދުބެ (މަޑު މުޙައްމަދުބެ) ނިޔާވެއްޖެ

Sunday, September 29, 2013 | 10:49 PM

ޅ.ހިންނަވަރު ހުޅުމަންދޫގެ މުޙައްމަދު ޢަލީ (މަޑު މުޙައްމަދުބެ) ރޭ ފަތިހު މާލޭގައި ނިޔާވެއްޖެއެވެ. ކީރިތި މާތް ﷲ އެ މަރުޙޫމަށް ރަޙުމަތް ލައްވައި، ފާފަ ފުއްސަވައި، އެކަލާނގެ ތަނަވަސް ސުވަރުގޭގެ މަތިވެރި ރަޙްމަތުގައި ލައްވާށި! އަދި މުޙައްމަދުބެގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި! އާމީން.

މުޙައްމަދުބެ ނިޔާވީ އިރު ޢުމުރަކީ 83 އަހަރެވެ. އެއީ ރަސްމީ ލިޔެކިޔުންތަކުން (އައި.ޑީ.ކާޑުގައިވާގޮތުން) ދައްކާ ޢުމުރެވެ.

އެނގިފައިވާގޮތުން ޞިއްޙީ އިމަޖެންސީ މައްސަލަތަކެއް ދިމާވެފައި ނުވިޔަސް މުޙައްމަދުބެ ނިޔާވީ ބަލި ޙާލަތު ބޮޑުވެގެން ރަށުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ. މުޙައްމަދުބެ އަކީ ޢުމުރުން ދޮށީ މީހަކަށްވެ، ފަހަކަށް އައިސް ބަލިވެ އުޅޭކަން އެނގިފައިވެއެވެ. އަދި ފަހަކަށް އައިސް ދިމާވި އެންމެ ބޮޑު އުނދަގުލަކީ ކެއުން ނުވަތަ ކާންދިނުމުގައި އުނދަގޫވުން ކަމުގައި އެނގިފައިވެއެވެ.

މުޙައްމަދުބެ ވަނީ ޙައްޖުގެ އަޅުކަން އަދާކޮށްފައެވެ.

މުޙައްމަދުބެ ނިޔާވިއިރު މުޙައްމަދުބެގެ 6 ދަރިންނާއި އަންހެނުން ދުނިޔޭގައި އެބަ ތިއްބެވެ.
މުޙައްމަދުބެ މިސްކިތުގައި ދަރުސް ސެޝަނެއްގައި (ވާތްފަރާތުގައި ކޮޅަށް

ގަދަ 10 ގެއްލި އޭލެވެލް ނަތީޖާ ބޮޑު ޝޮކަކަށް

ގްރޭޑް 12 ނިންމައި، މިއަހަރު މޭ/ޖޫން ގައި ބޭއްވުނު އޭލެވެލް އިމްތޙާނުގައި ޅ.އަތޮޅު ތަޢުލީމީ މަރުކަޒުން ބައިވެރިވި ދަރިވަރުންގެ ނަތީޖާ އުއްމީދުކުރެވިފައިވާ ގޮތާ ޚިލާފަށް ނިކުމެ ބޮޑު ޙައިރާންކަމެއް ލިބިއްޖެއެވެ.

މިފަހަރުގެ ނަތީޖާގައި އެއްވެސް ދަރިވަރަކަށް ޤައުމީ ފެންވަރުގައި ގަދަ 10ވަނައިގައި ލައްވާލާފައެއް ނުވެއެވެ. އެންމެ މަތީ ނަތީޖާ ލިބުނު ދަރިވަރަށް 46 ޕޮއިންޓް ލިބި، ގަދަ 10 އިން ކަޓާފައިވަނީ އެންމެ ޕޮއިންޓަކުންނެވެ. އަދި އޭލެވެލް އިމްތިޙާނުގައި މީގެ ކުރިން ހޯދާފައިވާފަދަ އެހެން ޚާއްޞަ ނަތީޖާއެއްވެސް މިފަހަރު ލިބިފައެއް ނުވެއެވެ.

ޅ.އަތޮޅު ތަޢުލީމީ މަރުކަޒުން އޭލެވެލް އިމްތިޙާނުގައި ބައިވެރިވާތާ 8 އަހަރުވެފައިވާއިރު، މިހާތަނަށް ދެފަހަރެއް ފިޔަވައި އެހެން ހުރިހާ ފަހަރެއްގައި ގަދަ 10 ގައި ހިމެނިފައިވެއެވެ. އޭގެ ތެރޭގައި ފާއިތުވި ދެ އަހަރުވެސް ގަދަ 10 ގެ ނަތީޖާ ހޯދާފައިވެއެވެ.

ޤައުމީ ފެންވަރުގައި ގަދަ 10 ގެ ނަތީޖާ ހޯދުމުގެ އިތުރުން އިސްލާމް އިން މުޅި ރާއްޖޭން 1 ވަނަ ހޯދުމާއި، އެޑެކްސެލް އައުޓްސްޓޭންޑިން ޙާޞިލްކުރުމާއި، މާއްދާތަކުގެ ބައެއް ޔުނިޓުން ފުލް މާކްސް ހޯދުންފަދަ ފަޚުރުވެރި ކާމިޔާބީތައް މީގެ ކުރިންވަނީ ދަރިވަރުން ހޯދާފައެވެ.

އޭލެވެލް އިމްތިޙާނުގެ މާޒީގައި މިފަދަ ރީތި ނަތީޖާ ހޯދާފައިވިޔަސް، މިފަހަރުގެ ނަތީޖާއަކީ ޙައިރާން ކުރުވަނިވި ނަތީޖާއެކެވެ. ގަދަ 10ގެ ނަޞީބު ގެއްލުމުގެ އިތުރުން، ދަރިވަރުންގެ ނަތީޖާވެސް އެހާ ރަނގަޅޭ ދެންނެވޭކަށް ނެތެވެ. އޭލެވެލްއާއި އެޗްއެސްސީ އިމްތިޙާނުގައި ދެ ސްޓްރީމުން ބައިވެރިވި ޖުމްލަ 21 ދަރިވަރުންގެ ނަތީޖާއަށް ބަލާލުމުން ފެންނަނީ ހަމަ އެންމެ ދެ "އޭ" ރިޕޯޓެވެ. އެއީ އެއް ދަރިވަރަކަށް އިސްލާމުން ލިބުނު އޭ ރިޕޯޓަކާއި އަނެއް ދަރިވަރަކަށް އެކައުންޓުން ލިބުނު އޭ ރިޕޯޓެކެވެ. މި ދަރިވަރުންނަކީ ގަދަ 10 ގެ ނަތީޖާ ހޯދާނެކަމަށް  ބެލެވިފައިވާ ދަރިވަރުންނެވެ. އަދި މީގެ ތެރެއިން އެއް ދަރިވަރަކީ އޯލެވެލް އިމްތިޙާނުން ގަދަ 10 ގައި ހިމެނިފައިވާ، ނަތީޖާ ރަނގަޅު ދަރިވަރެކެވެ.

އަދި މީގެ އިތުރުން ގްރޭޑް 11 ގައި ކިޔެވުމަށްފަހު ދަރިވަރުން ބައިވެރިވާ އޭ.އެސް (ނުވަތަ އެޑްވާންސް ސަބްސިޑަރީ) އިމްތިޙާނުގައި ބައިވެރިވި ގްރޭޑް 11 ގެ ދަރިވަރުންގެ ތެރެއިން އެއް ކުއްޖެއް ފިޔަވައި ލިބިފައިވާ ނަތީޖާ ވަރަށް ދަށް ކަމުގައި ފާހަގަކުރެވެއެވެ. އޯލެވެލް އިމްތިޙާނުން 8 މާއްދާއިން "އޭ" ހޯދައި މުޅި ރާއްޖެއިން ގަދަ 10 ގެ އެއްވަނަ ހޯދާފައިވާ މި ދަރިވަރަށް ދެ "އޭ" ރިޕޯޓާއި "ބީ" ރިޕޯޓެއް ލިބިފައިވެއެވެ. ދެން ތިބި ދަރިވަރުންނަށް އޭއެސް އިމްތިޙާނުން މަދުމަދުން "ސީ" ރިޕޯޓާއި "ޑީ" ރިޕޯޓް ހުރިއިރު ގިނައިން ފެންނަންހުރީ "އީ" އަދި އެއަށްވުރެ ގިނައިން "ޔޫ" ރިޕޯޓެވެ.

އޭލެވެލް އިމްތިޙާނުގެ ނަތީޖާ ލިބި ސްކޫލްތަކަށް ދޫކޮށްފައިވީ ނަމަވެސް މިފަހަރުގެ ނަތީޖާ ޅ.އަތޮޅު ތަޢުލީމީ މަރުކަޒުން ގިނަ ދުވަސްތަކެއް ވާންދެން ގެންގުޅެފައިވަނީ ވަރަށް ސިއްރުކޮށްގެންނެވެ. ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލުންނަށާއި ލީޑިންގ ޓީޗަރުންނަށްވެސް ނާންގައި ނަތީޖާ ގެންގުޅުނީ ހަމައެކަނި އެކަކު ނުވަތަ ދެމީހެއްގެ އަތުގައި ފޮރުވައިގެންނެވެ. އަދި އޭލެވެލް ކިޔަވައިދެއްވާ ޓީޗަރުންނާ، އަދި ސްކޫލްގެ އެހެނިހެން ސީނިއަރ ބޭފުޅުންނަށްވެސް ނާންގައި އެނަލިސިސްއެއްވެސް އެނގުމުގެ ފުރުޞަތު ނުދީ މި ނަތީޖާ ގެންގުޅެފައިވެއެވެ. ޓީޗަރުންނަށް ވަކިވަކި ދަރިވަރުންގެ ފަރާތުން ނަތީޖާ އެނގެމުން އައިސް އެތައް ދުވަހެއް ވީފަހުން ސްކޫލްގެ ކަމާބެހޭ އެހެނިހެން މުވައްޒަފުންނަށް ނަތީޖާގެ މަޢުލޫމާތު ލިބުނީ އަދި މީގެ ދެތިންދުވަސް ކުރިން ކަމަށް ވެއެވެ.

ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޭލެވެލްގެ ނަތީޖާ މިހިސާބަށް ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި ގްރޭޑް 11 ގެ ދަރިވަރުންގެ އޭ.އެސް. ނަތީޖާ ދައްކާގޮތުން، މިއީ މި ދަރިވަރުން ގްރޭޑް 12 ކިޔަވައި އޭލެވްލް އަށް ތައްޔާރުވާއިރު ވިސްނަންޖެހޭ މައްސަލައެކެވެ. ހަމައެކަނި ދަރިވަރުންނެއް ނޫނެވެ. ސްކޫލާއި ބެލެނިވެރިންވެސް މިކަމުގައި ވިސްނައި، ފާލުން ނައްޓާފައިވަނީ ކޮންކަމެއްތޯ ބަލައި އިޞްލާޙުކުރަންޖެހިފައިވާ ސީރިއަސް ކަމެކެވެ.
 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger