adbanner

adbanner
Home » , » ޅ.އަތޮޅު ތަޢުލީމީ މަރުކަޒަށް އާ ޑެޕިއުޓީ ޕްރިންސިޕަލެއް

ޅ.އަތޮޅު ތަޢުލީމީ މަރުކަޒަށް އާ ޑެޕިއުޓީ ޕްރިންސިޕަލެއް

Thursday, July 18, 2013 | 1:00 AM

ޅ.އަތޮޅު ތަޢުލީމީ މަރުކަޒަށް އާ ޑެޕިއުޓީ ޕްރިންސިޕަލެއް މީގެ ދުވަސްކޮޅެއް ކުރިން ހަމަޖެހިއްޖެއެވެ. އަލަށް ހަމަޖެހުނު ޑެޕިއުޓީ ޕްރިންސިޕަލް ނާހިދާ އިބްރާހީމް، ޕާމްކޯޑް/ޅ.ހިންނަވަރު އެ މަޤާމުގެ ވަޒީފާއަށް ނިކުންނަން ފަށްޓަވާފައިވަނީ 7 ޖުލައި 2013 ވީ އާދީއްތަ ދުވަހުއެވެ
ނާހިދާ އިބްރާހީމް އަކީ ކިޔަވައިދިނުމުގެ ދާއިރާގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައި މި ދާއިރާގެ އެކި ހަރުފަތްތަކުގައި ގިނަ ތަޖްރިބާ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ރަށްރަށުގައި މަސައްކަތް ކުރައްވައި ތަފާތު ތަޖްރިބާތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ކެރިއަރ ފަށްޓަވައި، ސެކަންޑްރީ ޓީޗަރކަމާއި، ސުޕަވައިޒަރކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރކަމާއި ހެޑްމާސްޓަރކަން އަދި ޕްރިންސިޕަލްކަންވެސް ނާހިދާވަނީ ކުރައްވާފައެވެ
ސްރީލަންކާގެ އެންއައިއީ އިން ބެޗްލަރ އޮފް ސްކޫލް އެޑްމިނިސްޓްރޭޝަން ކޯސް ނުވަތަ ސްކޫލް ހިންގުމުގެ ދާއިރާއިން ޑިގްރީ ފުރިހަމަ ކުރައްވައި ފާއިތުވި ދެއަހަރެއްހާ ދުވަހު ނާހިދާ ހުންނެވީ ޕްރިންސިޕަލްގެ މަޤާމުގައެވެ. އަދި އެ މަޤާމުގައި ރާއްޖޭގެ ދެތިން ރަށެއްގައި މަސައްކަތް ކުރެއްވިއެވެ. ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމަށް ހަމަޖެހުނު އިރު ނާހިދާ ހުންނެވީ އދ.ދަނގެތީ ސްކޫލްގެ ޕްރިންސިޕަލް ކަމުގައެވެ
ޕްރިންސިޕަލްކަމުން ޑެޕިއުޓީ ޕްރިންސިޕަލްކަމަށް ބަދަލުވެލެއްވީ ކީއްވެތޯ ސުވާލުކޮށްލުމުން ނާހިދާ ވިދާޅުވީ އުފަން ރަށުގައި ވަޒީފާ އަދާކުރުމަކީ ވަރަށް ބޮޑު އުފަލަކާ ނިޢުމަތެއް ކަމަށާއި އަބަދުވެސް އެދި މަސައްކަތްކުރަމުން އައި ކަމެއްކަމަށެވެ. އަދި މިއީ ދަރިވަރުން ގިނަ ބޮޑު ސްކޫލަކަށްވާތީ މި މަޤާމުގައިވެސް މުހިއްމު ޚިދުމަތްތަކެއް ކުރުމުގެ ފުރުޞަތު އެބަ އޮތް ކަމުގައި ވިދާޅުވިއެވެ. ނާހިދާ އިތުރަށް ވިދާޅުވީ މި މަޤާމަށް އައުމުގައި ތަފާތު ހުރަސްތައް ކުރިމަތިވެގެން ދިޔަ ކަމަށާއި، އެހެންނަމަވެސް އާޚިރުގައި ރަނގަޅަށް ކަންތައް ނިމިގެން ދިޔައީތީ ހިތްހަމަޖެހޭ ކަމުގައެވެ
ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލްކަމުގެ މަޤާމަށް އިޢުލާން ކުރުމުން ނާހިދާގެ އިތުރުން ދެން ކުރިމަތިލެއްވީ އާމިނަތު ޢަބްދުﷲ، ރެޑް ސްޓަރއެވެ. މި ދެ ބޭފުޅުންގެ މެދުގައި އިންޓަރވިއުކުރެވި، ގިނަ ދުވަސްތަކެއް ދެމެދަށް ފާއިތުވެ ގޮސް، ތަފާތު ގޮތްގޮތަށް އަޑުފެތުރި، ކާމިޔާބު ވީ ފަރާތެއްކަމުގައި ހަމަޖެހުނީ ނާހިދާއެވެ
ނާހިދާ އިބްރާހީމް އާއެކު ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގައި މިހާރު 3 ޑެޕިއުޓީ ޕްރިންސިޕަލުން އެބަ ތިއްބެވިއެވެ. ދެން ތިއްބެވީ ފިރިހެން ދެ ބޭފުޅުން ކަމުގައިވާ ޢަލީ އަޙްމަދު، ރޯނުގެ އާއި އިބްރާހީމް ޢަބްދުﷲ، ނޫރާނީއާގެ (އައްދު) އެވެ. އިބްރާހީމް ޢަބްދުﷲ އަކީ ޑެޕިއުޓީ ޕްރިންސިޕަލަކަށް ހުންނަވާފައި އަމިއްލައަށް އެދިލައްވައިގެން އެޑްމިނިސްޓްރޭޓަރ މަޤާމަށް ބަދަލުވެފައި، ދުވަސްކޮޅެއްފަހުން އަނެއްކާވެސް ކުއްލިގޮތަކަށް ޑެޕިއުޓީ ޕްރިންސިޕަލްކަން ލިބިލެއްވި ބޭފުޅެއް ކަމުގައި މަޢުލޫމާތު ލިބެއެވެ
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger