adbanner

adbanner
Home » , » އެގާރަ މަސްދުވަހުގެ ކުޅިވަރާ މަޖަލަށްފަހު، މި ބަރަކާތްތެރިމަހު ﷲ އަށް ރުޖޫޢަ ވާންވީނޫންތޯ: މުޙައްމަދު މޫސާ

އެގާރަ މަސްދުވަހުގެ ކުޅިވަރާ މަޖަލަށްފަހު، މި ބަރަކާތްތެރިމަހު ﷲ އަށް ރުޖޫޢަ ވާންވީނޫންތޯ: މުޙައްމަދު މޫސާ

Saturday, July 13, 2013 | 5:36 PM

ޝެއިޚް މުޙައްމަދު މޫސާ މިއަދު މެންދުރު ނަމާދަށްފަހު ހިންނަވަރު ހުކުރު މިސްކިތުގައި ދަރުސް ދެއްވަނީ: ފުރިހަމަ ރޯދައެއް ހިފުމުގެ މައްޗަށް ވާހަކަދެއްކެވި
ފާއިތުވި އެގާރަ މަސްދުވަހުވެސް އަޅުގަނޑުމެންނަށް އުޅެވުނީ ކުޅިވަރާއި މަޖަލުގެ ތެރޭގައި ކަމަށާއި، އެއަށްފަހު ދެން މިއައި ބަރަކާތްތެރި ރަމަޟާންމަހު ﷲގެ ޙަޟްރަތަށް ރުޖޫޢަވެ، ފުރިހަމަ ރޯދަތަކެއް ހިފާ ބައެއް ކަމުގައި ވުމަށް އައްޝައިޚް މުޙައްމަދު މޫސާ ގޮވާލައްވައިފިއެވެ. ޅ.ނައިފަރު ސިނަމާގެ ޝެއިޚް މުޙައްމަދު މޫސާ މިފަދައިން ގޮވާލެއްވީ މިއަދުގެ މެންދުރު ނަމާދަށްފަހު ހިންނަވަރު ހުކުރު މިސްކިތް، މަސްޖިދުލް އަންޞާރުގައި ދެއްވި ދީނީ ދަރުސްގައެވެ
މިއަދުގެ ދަރުސްގައި ޖުމްލަކޮށް އަލިއަޅުވާލައްވާފައިވަނީ ފުރިހަމަ ރޯދައެއް ހިފާނީ ކިހިނެއް ކަމުގެ މައްޗަށެވެ. އެގޮތުން ތިމާ ހިފާ ރޯދައަކީ ފުރިހަމަ ރޯދައެއްކަމުގައި ވުމަށް އެދޭނަމަ ވިސްނައި ޢަމަލުކުރަންޖެހޭ ކަންތައްތަކުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް އަލިއަޅުވާލެއްވިއެވެ. އޭގެ ތެރޭގައި ފަރްޟު ފަސް ނަމާދު ފުރިހަމައަށް އަދާކުރުމާއި، ހާރުކެއުމާއި ރޯދަ ވީއްލުމާއި މިފަދަ ކަންތައްތަކުގައި ހުރި ސުންނަތްކަން ގަދަ ގޮތްތައް ބަޔާންކޮށްދެއްވިއެވެ. އަދި ހާރުކައިގެން، ދެން ފަތިސްނަމާދުކޮށްގެން ނޫނީ ނުނިދުމަށާއި، ﷲ ގެ ޒިކްރުކުރުން ގިނަކުރުމާއި، ނޭދެވޭ، ބޭކާރު ނުބައި ވާހަކަތަކުން ދުރުވުމާއި، ޞަދަޤާތްކުރުމާއި، ރޯދަވީއްލާހިނދު ދުޢާ ކުރުމުގެ މާތްކަމާއި، ތަރާވީޙް ނަމާދުފަދަ އެތައް ކަމަކަށް އަލިއަޅުވާލައްވައި، މި ހުރިހާކަމަކީ ފުރިހަމަ ރޯދައަކަށްޓަކައި މުހިއްމު ކަންތައްތަކެއްކަން ޤުރުއާނާއި، ނަބަވީ އިރުޝާދުގެ އަލީގައި ބަޔާންކޮށްދެއްވިއެވެ
ޝެއިޚްގެ ދަރުސްގައި އިތުރަށް ހާމަކުރެއްވީ މި ފުރިހަމަ ރޯދަ ހިފުމުގެ މަހަކީ މި ބަރަކާތްތެރި ރަމަޟާންމަސް ކަމަށެވެ. ވީމާ، ފާއިތުވި އެގާރަ މަހު ކުޅިވަރާއި މަޖަލުގެ ތެރޭގައި އުޅުމަށްފަހު ދެން މި ބަރަކާތްތެރި އެއް މަސްދުވަސް ކުޅިވަރުގެ މަހަކަށް ނުހަދައި މިރަމަޟާންމަހުގެ ފުރިހަމަ ރޯދަހިފައި ރޯދަމަހުގެ ހެޔޮކަން ހޯދުމަށް ނަޞޭޙަތްތެރިވެލެއްވިއެވެ
މިއަދުގެ ދަރުސްއަކީ ފެށުމެއްކަމަށާއި، މި ރަމަޟާންމަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި އަދި އިރާދަކުރެއްވިއްޔާ އިތުރު ދަރުސްތައް އިންތިޒާމްކުރާނެ ކަމުގައި ޖަމްޢިއްޔަތުއް ތައުޙީދުން ހާމަކުރެއްވިއެވެ. އަދި މި ދަރުސްތައް އިންތިޒާމްކުރުމުގައި ރަށު ކައުންސިލްގެ އިދާރާއިން ވަރަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭކަމުގައިވެސް ހާމަކުރެއްވިއެވެ. މީގެ ކުރިން، ރޯދަމަސް ފެށުމުގެ ކުރިން ރަށުކައުންސިލްގެ ރައީސް ވިދާޅުވެފައިވަނީ ޖަމިއްޔަތުއް ތައުޙީދާއި ގުޅިގެން ރޯދަމަހަށް ޚާއްޞަކޮށް ދީނީ ދަރުސްތަކެއް ބޭއްވޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމުގައެވެ
ޖަމްޢިއްޔަތުއް ތައުޙީދަކީ މަރްޙޫމް ޝެއިޚް އަބޫބަކުރު އިބްރާހީމް (ބަކުރުބެ) އިސްވެ ހުންނަވައިގެން އުފެއްދެވި ޖަމިއްޔާއެކެވެ. މިހާރު ޖަމިއްޔާގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި އިސްވެ އުޅުއްވަނީ ބަކުރުބެގެ ޢާއިލާގެ ބައެއް މެމްބަރުންނެވެ. މި ޖަމިއްޔާއިން ރަމަޟާންމަހު ނޫނަސް ހިންނަވަރުގައި ދޭތެރެ ދޭތެރެއިން ދީނީ ދަރުސް އިންތިޒާމްކޮށް ބާއްވައެވެ. އަދި ރަމަޟާންމަހު ޚާއްޞަ ދަރުސްތައް އިންތިޒާމްކުރަމުން ގެންދެއެވެ
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger