adbanner

adbanner
Home » » ބައެއް އަދަބީ ބަހާއި އެ ބަސްތަކުގެ މާނަ

ބައެއް އަދަބީ ބަހާއި އެ ބަސްތަކުގެ މާނަ

Monday, July 22, 2013 | 4:04 PM

 
1- އަޑިގަނޑަކަށް ފަހު އުސް ގަނޑެއް އަންނާނެ އެވެ.
ހިތާމައަކަށްފަހު އުފަލެއް އަންނާނެ އެވެ.

2- ވެހޭތާ ފެން ނަގާށެވެ.
ރަނގަޅު ފައިދާހުރި ކަމެއް ކުރެވެން އޮންނަ ވަގުތުގައި އެ ކަމެއްކުރުން.

3- އިށީންނާނެ ގަލެއް ނުބަލައި އުދުއްސައި ނުގަންނާށެވެ.
ލިބިފައިވާ ކަމަކަށްވުރެ ރަނގަޅު ކަމެއް ލިބުމުގެ ކުރިން އެކަމެއް ދޫނުކޮށްލުން.


4- ހަރު ކޮންނާނީ އެ ކަކުންޏެއްގެ ވަރުންނެވެ.
ކަމެއް ކުރަނަވާނީ ތިމާގެ ފެންވަރުންނެވެ.

5- ފޫނެތް ފަޔަށް ފެން ނުފުރާށެވެ.
ފައިދާއެއް ނެތް ކަންތައްތައް ނުކުރާށެވެ.


6- އަހިވަކާ ޖެހި އަހިވަކެއް ފާވާނެ އެވެ.
ގޯސް މީހަކާއެކު އުޅެންޏާ ގޯސްވާނެ އެވެ.

7- ފެން ކައްކާ ބޮލީގެ ޢިއްޒަތް
ބޭނުން ޖެހޭ ވަގުތު އެއްޗެއް ބޭނުންކޮށްފައި އެއްލައިލުން.

8- ހުދު ބޯކިރު ފޮދެއް ކަހަލަ ދަތްތަކެއް
އެއްޗެއްގެ ހުރި ރީތިކަން ދެއްކުން. ހާމަކުރުން

9- ބިސްމަޅި ދުއްވުން
މީހަކަށް ނުވަތަ ކަމަކަށް ފާރަލުން

10- ތިމާގެ ދަރި ތިމާއަށް ދޮންފުތުވާނެ އެވެ.
ތިމާގެ ދަރިފުޅު އަބަދުވެސް ތިމާއަށް ރަނގަޅުވާނެ އެވެ.

11- ހިޔަންޏަށް މުޑި ނެގުން.
ޙަޤީޤަތެއް ނެތް ކަންތައްތައް ކުރަން އުޅުން

12- ރައްކާވެ ތިބިއްޔާ ދަތުރެވެ.
ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރުވެ ތިބުން.

13- ހަކުރު ދެންޏާ ބޮޑު ބޭބެ އެވެ.
ތިމާއަށް އެއްޗެހި ދޭ މީހާއަކީ ގާތް މީހެކެވެ.

14- ގެއްލިއްޖެ އަބުރެއް އަނބުރާ ނުލިބޭނެ އެވެ.
ގޯސް ކަމެއްގެ ސަބަބުން ތިމާ ބަދުނާމު ވެއްޖެނެމަ އެކަމެއް ދެމި އޮންނާނެ އެވެ.

15- ފޭހުނު އިލޮށިގަނޑު ހެރޭނީ ފޭހުނު މީހާގެ ލޮލަށެވެ.
މީހަކަށް ކެއްސެއް ދޭން ތިމާ ކުރާ ނުބައި ކަމެއްގެ ކެހި ލިބޭނީ ހަމަ ތިމާއަށެވެ.

16- ކަނބުރު ގެއަކަށް ވަނިއްޔާ އަޅި ބުރާނެއެވެ.
ނުބައި ބަޔަކާ އެއްކޮށް އުޅޭނަމަ ތިމާ ގޯސް ކަމެއް ނުކުރިޔަސް އަޑު އަރާނެއެވެ.

17- ދަލު ބޭރުން ޖެހުން
ނުބެހޭ ކަންތަކާ ބެހި އުޅުން.

18- މިރިނުވެ ގޮބޮޅި ކާށިވުން.
އަމިއްލައަށް ބޮޑުވެގެން އުޅުން.

19- ގިނި ދުށްމީހާ ރަތް މަލަށް ބިރުގަންނާނެ އެވެ.
ކަމަކާ ބިރުގަންފި މީހާ އެކަހަލަ ދެވަނަ ކަމެއް ފެނުމުންވެސް ބިރު ގަންނާނެއެވެ.

20- ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ އެވެ.
ހިތް އެދޭ މީހާގެ ކިބައިގައި ނުރަނގަޅު ކަމެއް ހުރި ކަމުގައިވިޔަސް ފާހަގައެއް ނުކުރެވޭނެ.
ހިތް އޮންނާނީ ދެލިގަނޑެއް ހެންނެވެ. ކަން އޮންނާނީ ވެލިގަނޑެއް ހެންނެވެ. (މުސްކުޅި ބަހެއް)
މިހެން ބުނެއުޅެނީ ހިތް ނުބައި ކޮށްގެން ބޭރުފުށް އޮމާންކޮށްލައިގެން ކުރާ ކަންތައްތަކާއި ބެހޭގޮތުންނެވެ.
ބައެއް މީހުން މީހަކަށް ކަމެއް ކޮށްދޭއިރު¡ ކޮށްދޭލެއް ރަނގަޅުކަމުން އުފާވާހައި ރަނގަޅަށް ކޮށްދެއެވެ. އެއީ ހަމަ ހިތުގެ އަޑިން ކޮށްދިން ކަމެއްކަމަށް ޤަބޫލުކުރެވޭ ގޮތަށެވެ. ނަމަވެސް ހަމަ އެމީހާ އެހެން މީހެއްގެ ގާތުގައި އެއްޗެއް ބުނެލާގޮތުން އެއީ އޭނާ ހިތާ ދެކޮޅަށް ޖެއްސުމަށް ކޮށްދިން ކަމެއްކަން ސާފުވެއެވެ.

21- ނުބީހެންޏާ ކަނޑާހަމައެވެ. (މުސްކުޅި ބަހެއް)
ކަނޑު ފުންވުމުގެ ސަބަބުން ދަތުރުކުރާ ދޯންޏަކަށް ނުވަތަ އޮޑިއަކަށް ނުބީހެންޏާ ކަނޑުގައި ދަތުރުކުރެވޭގޮތް ވަނީއެވެ. ތަންކޮޅެއް ތިލަތާކުންވެސް ދޯންޏަކަށް ނުބީހި ނުކުމެވިއްޖެނަމަ ދޯނި ދަތުރުކުރުމަށް ކަނޑެކޭ އެތަނެކޭ ތަފާތެއް ނެތެވެ. މިބަސް އުފެދިފައިވަނީ މި މިސާލުންނެވެ.
މިހެން ބުނެއުޅެނީ ބައެއް ފަހަރު މާބޮޑެތި ނުރައްކަލެއް މާކުޑަ ގޮތަކަށް ސަލާމަތްވެވޭ ސަލާމަތްވުމާއި ގުޅިގެންނެވެ.

22- ނަރެއްހާތަން ދޫކޮށްލިއްޔާ ކެނބެއްހާތަން ދަމައިގަންނާނެއެވެ. (ހަރުބަހެއް)
މިތާގައި ނަރެކޭ މިބުނެވުނީ ބޮނބި ނަރަކަށެވެ. ކެނބޭ މިބުނެވެނީ އޮޑިފަހަރު އަޅަން ގެންގުޅޭ އެންމެ ފަލަ ވަލަށެވެ. މާނައަކީ ކިތަންމެ ކުޑަ ތަންކޮޅެއް އަތުން ދޫކުރެވުނަސް އެދޫވީ ހީކުރެވޭ ވަރަށްވުރެ މާބޮޑު ތަނެކެވެ. އެބައި އަލުން އަތުލާން ދަތިވާނެއެވެ.
މިހެން ބުނެވެނީ ޤާނޫނާއި ގަވާއިދުފަދަ ކަންކަމާއި ފައިސާ ބެލެހެއްޓުންފަދަ ކަންކަމުން ކިތަންމެ ކުޑަ ލުޔެއް ދިނަސް އެއިން ލިބޭ ގެއްލުން ނުވަތަ އެއިން ހޯދާ ނޭކަށޭނަ ފައިދާ މާބޮޑުވާނެކަން އަންގައިދިނުމުގެ ގޮތުންނެވެ.

23- ބޮޑެތި އެއްޗެއްސަށް ބޮޑެތި ރާޅެވެ. ކުދި އެއްޗެއްސަށް ކުދި ރާޅެވެ. (މުސްކުޅި ބަހެއް)
ބޮޑެތި އުޅަނދުތައް ދަތުރުކުރަނީ ބޮޑެތި ކަނޑުތަކުގައެވެ. އެކަނޑުތަކުގައި ހުންނާނީވެސް ބޮޑެތި ރާޅެވެ. ކުދި އެއްޗެހި ދަތުރުކުރާނީ އާދައިގެ ކުދި ކަނޑުކަނޑުގައެވެ. އެތަންތާގައި ހުންނާނީ އާދައިގެ ކުދިކުދި ރާޅެވެ. އަދި ބޮޑެތި އެއްޗެހި ދުވެފައިދާއިރު ކަނޑުގެ ރާޅާ އެއުޅަނދުގެ ދުވެއްޔާއިއެކު އުފެދޭ ރާޅުވެސް ކުދި އެއްޗެހިން މިގޮތުން އުފެދޭ ރާޅަށްވުރެ މާބޮޑެތި ވާނެއެވެ. މިހެން ބުނެއުޅެނީ ފައިސާވެރިންނާއި ބޮޑެތި މީހުންނާ ދިމާވާނީ ބޮޑެތި ކަންތަކާއޭ¡ އާދައިގެ މީހުންނާ ދެރަ މީހުންނާ. އެވަރުގެ ކަންތަކެއް ދިމައެއް ނުވާނެއޭ¡ ބުނެވޭ ވަގުތުވަގުތަށެވެ. ނުވަތަ މީހުންނާ ކަންތައް ދިމާވާނީ އެމީހެއްގެ ވަރުންނޭ¡ ބުނެވޭ ތަންތާނގައެވެ.

24- މޮހޮނަށް ދޯނި ދިނުން ނުވަތަ މޮހޮނަށް ދޯނިދިންހެން
މިއީ މިސާލު ބަހެކެވެ. މިސާލު ބަހަކީ ހިނގާފައި އޮތްކަމަކާއި އެއްފަދަ ކޮށްފައި ހުންނަ އަދަބީ ބަހެވެ.
މޮހޮނަކީ ދިވެހިންގެ ދޫމަތިން ދެމެމުން އަންނަ މަޝްހޫރު ދޮންމޮހޮނާއި މިޔަރުގެ މިވާހަކައިގެ ބަތަލެވެ. މިވާހަކަ އަކީ ދިވެހިންގެ ދޫމަތިން ދެމެމުން ދެމެމުން އައިސްފައިވާ ވަރަށް އިބުރަތްތެރި ހިޔާލީ ކަންކަން ހިމެނޭ ދިވެހިންގެ ކުރީގެ ދިރިއުޅުމުގެ ވައްޓަފާޅި ބަޔާންކޮށްދޭ ހުރާފީ ކަންތައްތަކެއް ހިމެނޭ ވާހަކައެކެވެ. ފޮތެއްގެ ގޮތުގައި ޖަމާކުރައްވާފައިވަނީ ދިވެހި ބަހުގެ އަދީބު އަބްދުﷲ ޞާދިޤެވެ. މިފޮތުގައި މި މިސާލުބަސް ކިޔުނުގޮތް ގެންނަވާފައިވެއެވެ. އެގޮތް މިބަޔާންކުރަނީ އަޅުގަނޑުގެ އަމިއްލަ އިބާރާތުންނެވެ.
އެގޮތުން މޮހޮނު މާކެޔޮޅު ކަމު ދާންވެގެން ދޯންޏެއް ބޭނުންވެގެން ކަތީބު ކައިރިއަށް ދިޔައީމާ ކަތީބު ދެންނެވި ކަމަށްވެއެވެ. ވަލުގައި އެހުރީ ލަކުޑިއެވެ. އަދިވެސް ދޯންނަށް ބޭނުންވާނޭ އެއްޗެހި ހުރިތަންތަން ބުނެދީފައި ދޯނި ގެންދާށޭ ބުނިކަމަށްވެއެވެ. މޮހޮނަށް ދޯނި ދިންހެންނޭ ބުނެވެނީ މިކަމަށް އިޝާރާތްކޮށްފައެވެ. އެއީ ނެތް ދޯންޏެއް ދިނީމައެވެ. ކަތީބު ގެ މަޤުޞަދަކީ އެހުރީ ދޯނިހަދަން ބޭނުންވާނެ އެއްޗެއްސެވެ. ދޯނި ހަދަން ބޭނުންވާނެ އެއްޗެހި ބޭނުންކޮށްގެން ދޯންޏެއް ހަދާށެވެ. ނަމަވެސް މޮހޮނު އެދުނީ ދޯންޏެއް ދިނުމަށެވެ. ދޯނި ހަދަން ބޭނުންވާނެ އެއްޗެހި ދޭކަށެއް ނޫނެވެ.
މިބަސް ބޭނުންކުރެވެނީ ކޮން ހާލަތެއްގައި؟
މިބަސް ބޭނުންކުރެވެނީ އެއްވެސް އިޚުތިޔާރެއް ބާރެއް ނެތްގޮތުގައި ކަމެއް ހަވާލު ކުރުމުންނެވެ. މިސާލަކަށް ގެޔެއްގެ ވެރިކަން ދީފައި އެގޭގެ އެއްވެސް ކަމަކަށް ބާރު ނުފޯރުވޭ ކަމުގައި ވަންޏާ މިބަސް ބޭނުންކުރެވިދާނެއެވެ. ނުވަތަ އެއްވެސް ބޭނުމެއް އަދި ފަސޭހައެއް ނުލިބޭގޮތަށް އެއްޗެއް ދީފިނަމަވެސް މިބަސް ބޭނުންކުރެވިދާނެއެވެ. މިސާލަކަށް ކާ އެއްޗެއް ދޭށޭ ބުނީމަ އެހެރީ ހަނޑުލާއި ކައްކާނެ އެއްޗެށެވެ. ކާށެވެ. މިފަދައިން ބުނެފިނަމަވެސް މި މިސާލުބަސް ބޭނުންކުރެވިދާނެއެވެ. މިސާލު ބަސް ދިވެހި ބަހުގައި ބޭނުންކުރުމަކީ ލިޔުމުގެ ބާރުގަދަވެ ކިޔާމީހާއަށް ލިޔުން ތަސައްވަރުކޮށްލަން ފަސޭހަވެގެންދާނެ ކަމެކެވެ. ޙާއްޞަކޮށް އެމިސާލުބަހުގައި ބުނާ އެއްޗެއް ކިޔާމީހާއަށް ފަހުމްވެއްޖެނަމައެވެ.

25- ވަޅިރީތީ ތޫނިއްޔާއެވެ. އަނބިރީތީ ހެވިއްޔާއެވެ
ކޮންމެއެއްޗެއްވެސް ރަނގަޅުވުމަކީ، އެއެއްޗަކުން ހިފެންވާ ބޭނުން ރަނގަޅަށް ހިފުމެވެ. ވަޅިން ހިފަންވާ ބޭނުން ރަނގަޅަށް ހިފޭނީ އޭގައި ތޫނުކަން ހުރިއްޔާއެވެ. ހަމަ އެފަދައިން، އަނބިމީހާވެސް ރަނގަޅު އަނތްބަކަށްވާނީ، އުޅުންހުރި ގޮތްހުރި ހެޔޮމީހަކަށް ވިއްޔާއެވެ. މިބަސް އާންމުކޮށް ބޭނުންކޮށް އުޅެނީ އަނބިންނާ ބެހޭގޮތުންނެވެ

26- މޫދުގަލަކަށްމަހެއްވެއެވެ
ކޮންމެ މީހަކަށްވެސް އިންނާނެ މީހަކު ނުވެ ނުދާނެކަން ޔަޤީންކޮށް ދިނުމުގެ ގޮތުން ބުނެއުޅޭ ހިތްވަރުގެ ބަހެއް

27- ގަހަށްނެތް ކުލުނެއް ފަތަކަށް ނުހުންނާނެއެވެ
މައިމީހާއަށް ނެތް ކުލުނެއް ދަރިފުޅަކަށް ނުހުންނާނެކަން އެންގުމުގެ ގޮތުން ބުނެ އުޅޭ ބަހެއް

28- ތަށަށް ކިޔަނީ މަރިޔަބުހޭވެސް އަހައި ނުލިއެވެ
ތިމާ ދައްކާ ވާހަކައަށް އަނެކަކު ދެނަހުރި ކަމަށްވެސް ނުހެދިޔޭ ބުނުމަށް ބުނެ އުޅޭ ބަހެއް
ބަރު އެއްޗެއް ހިފަން / އުފުލަން ހިފައިހިފައި ގުޑާ ނުލުމުން ބުނެ އުޅޭ ބަހެއް
ބައްޔަށް ފަރުވާ ކޮށް ލުޔެއް ނުލިބުމުން ބުނެ އުޅޭ ބަހެއް

29- ވަޑިންގެގެއަކު ދޮރެއް ނުހުންނާނެއެވެ
ރަގަޅު ބައެއް މަސައްކަތް ތެރީން އަމިއްލަގޭގައި ކުރަންޖެހޭ އެރޮނގުގެ މަސައްކަތް ނުނިމި ފަސްވެފައި ހުންނަ ހުރުމަށް ބުނެ އުޅޭ ބަހެއް

30- އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެއެވެ
 ނުބައި އެއްޗަކުން ރަނގަޅު އެއްޗެއް ނުއުފެދޭނެޔޭ ބުނުމަށް ބުނެއުޅޭބަހެއް

31- ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ
 ތިމާ ރުހޭ މީހަކަށް ކުރެވޭ ނުވަތަ ތިމާ މީހަކު ކުރާ ކުށެއް ގޯހެއް ކަމަކަށް ނުދެކޭނެޔޭ ބުނަން ބޭނުންކުރާ ބަހެއް

32- ކެޔޮކޭވަރު އެނގޭނީ ބިތުފަންގެ ނެގީމައެވެ
މީހަކަށް ލިބިފައިވާ މަޤާމެއްގެ ނުފޫޒުގެ ބޭނުންކޮށްގެން ނާޖާއިޒުފައިދާ ނަގައިފައި ވާވަރު އެނގޭނީ، އެމީހާ އެމަޤާމަކުން ވަކިވީ ދުވަހަކުންކަން އެންގުމަށް ބުނެއުޅޭބަހެއް

34- ވިދާހާއެއްޗަކީ ރަނެއް ނޫނެވެ
ބޭރުފުށުން ފެންނަ ކޮންމެ ކުލަ ވަރަކީ ޙަޤީޤަތެއް ނޫނެވެ

35- މަހެއްފަހާލާވަރުގެ މަހެއް ހުރެދާނެ
ތިމާވަރު މޮޅުމީހަކު ނެތް ކަމަށް ހީވެގެން އުޅޭ މީހުނާ ދިމާއަށް ބުނެއުޅޭބަހެއް. މާނައަކީ އެކަކަށްވުރެ މޮޅު އަނެކަކު ހުރެދާނެއެވެ

37- ހަކުރުދެންޏާ ބޮޑުބޭބެ
 ތިމާއަށް އެއްޗެހިދޭމީހާ ގާތްމީހެއްކަމަށް ވާނެކަން ބަޔާންކުރުމަށް ބުނާބަހެއް

38- ގިނައޮޅިގިރާކުރަންޏާ ގިނައަޑުއިވޭނެ
ގިނަތަންތަނަށް ވަދެ އުޅެންޏާ، އެމީހަކާމެދު ގިނަވާހަކަ ދެކެވި، ގިނަބަދުނާމުވާނެކަން އަންގައި ދިނުމުގެ ގޮތުން ބުނެއުޅޭބަހެއް

39- ކިތަންމެވަރަކަށް ދޮންކުރިއަސް ދުނބުރިއެއް އަނބަކަށް ނުވާނެއެވެ
ނުބައިމީހަކު ރަނގަޅޭ ކިޔައިގެން ކިތަންމެ ވަރަކަށް ވާހަކަދެއްކިޔަސް އެއީ ރަނގަޅު މީހެއް ނޫންކަން، އޭނާ ރަނގަޅެއް ނުވާނެކަން އެންގުމުގެ ގޮތުން ބުނެއުޅޭ ބަހެއް

40- ނަވަށްކުރާބާރު އެނގޭނީ ކެނބަށެވެ
 ހިނގާ ޚަރަދާއި ހޭދަވާ ފައިސާ އެނގޭނީ އެކަމާ ހަވާލުވެގެން ހުންނަ މީހަކަށްކަން ދޭހަކޮށްދޭން ބުނެއުޅޭ ބަހެއް

41- ވަޅެއް ނުތެޅޭނެއެވެ. ތެޅޭނީ ދާންޏެވެ
 މޮޅު މީހަކު ކުޅަ ވިޔާނުވާ ކަމެއްގެ ވާހަކަ ދެރަމީހަކު ދައްކައިގެން، ނުވަތަ މޮޅު މީހަކު ކުރާ ވިޔާނުވާ ކަމެއްގައި ދެރަ މީހަކު ބައިވެރިވެގެން، މޮޅު މީހާއަށް ގެއްލުމެއް ނުލިބި ނުވަތަ މާބޮޑު ދެރައެއް ނުލިބި ދެރަމީހާއަށް ދެރަލިބުނީމާ ދީއުޅޭ މިސާލުބަހެއް

42- ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނެއެވެ
 ކަމަކަށް ހޭނި އާދަ ވެއްޖިއްޔާ އެކަމަކަށް ޖެހިލުމެއް ނުވާނެއެވެ

43- ގިނިދުށްމީހާ ރަތް މަލަށް ބިރުގަންނާނެއެވެ
 ކަމެއްގެ އަދަބު ލިބިފައިވާ މީހާ އެފަދަ ކަމެއް ކުރުމަށް ޖެހިލުންވާނެކަން އެންގުމަށް ބުނެއުޅޭ ބަހެއް

44- ދުނިޔެހިނގަނީއެއްވަތުދަށުން އަނެއްވަތުމަތިންނެވެ
ދިރިއުޅުމުގައި ދިމާވާނީ އުފާލައި ހިތާމަޔާ ނުވަތަ ތަނަވަސްކަމާއި ފަގީރުކަން، ކަންބަޔާންކުރުމުގެ ގޮތުން ބުނެއުޅޭ ބަހެއް

45- ނުބީހެންޏާކަނޑާހަމަ
ކަމެއްވުން ކިތަންމެ ކައިރިވިޔަސް އެކަމެއް ނުވަންޏާ ފަރުވާލެއް ނެތޭ ބުނުމަށް ބުނެއުޅޭބަހެއް
ފާޅުނުވަންޏާ ނުކުރާ ކަމެކޭ އެއްފަދައޭ ބުނުމަށް ބުނެއުޅޭބަހެއް
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger