adbanner

adbanner
Home » » ޒަކާތް ދައްކަމުންދާ މިންވަރާމެދު ކައުންސިލްގެ އިދާރާއިން ހިތްހަމަޖެހުނަސް އުޞޫލުގައި ކަންބޮޑުވުންތަކެއް

ޒަކާތް ދައްކަމުންދާ މިންވަރާމެދު ކައުންސިލްގެ އިދާރާއިން ހިތްހަމަޖެހުނަސް އުޞޫލުގައި ކަންބޮޑުވުންތަކެއް

Sunday, July 21, 2013 | 1:15 PM

ފިޠުރު ޒަކާތް ދެއްކުމަށް ހިންނަވަރު ކައުންސިލްގެ އިދާރާއިން އިޢުލާންކުރުމުން މިއަދާ ހަމައަށް ޒަކާތް ދައްކާފައިވާ މިންވަރާމެދު ހިތްހަމަޖެހޭ ކަމުގައި ހިންނަވަރު ކައުންސިލްގެ އިދާރާއިން ހާމަކުރައްވައިފިއެވެ

ކައުންސިލްގެ ރައީސް އާދަމް ޔޫސުފް ވިދާޅުވީ ކޮންމެ ދުވަހަކުވެސް އެކަށީގެންވާ ޢަދަދަކަށް ޒަކާތް ދައްކަމުން ގެންދާ ކަމަށާއި މިއަދާއި ހަމައަށް ޒަކާތުގެ ގޮތުގައި ޖުމްލަ 4000 އަށްވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކުން ދައްކާފައިވާ ކަމުގައެވެ

އާދައިގެ މަތިން މިއަހަރުވެސް ފިޠުރު ޒަކާތް ބަލައިގަންނަން ފެށީ ރަމަޟާންމަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ. ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ ރަމަޟާން މަހުގެ 28 (އޮގަސްޓް 5) ވާ ހޯމަދުވަހެވެ. ޒަކާތް ބަލައިގަންނަ ގަޑިއަކީ ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ

ޒަކާތް ދެއްކުމާ ބެހޭގޮތުން ޢާއްމުކޮށްފައިވާ އިޢުލާންގައި ވާގޮތުން ފިޠުރު ޒަކާތުގެ މިންވަރަކީ އެ އަހަރަކު އެމީހަކު ޢާއްމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތަކުން މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޢާއްމުކޮށް ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ 2.4 ކިލޯ ހަނޑުލުގެ މިންވަރަށް ވާ ފައިސާއިންނެވެ. އެގޮތުން ބަލައި އެކި ފެންވަރުގެ ހަނޑޫ ބޭނުންކުރާ ގޮތަށް ބަލައިގެން މީހަކަށް (ބޮލަކަށް) ޒަކާތް ދައްކަން ޖެހޭ މިންވަރަކީ:

އާދައިގެ ހަނޑުލުން ނަމަ: 11 ރުފިޔާ 28 ލާރި

މެދު ހަނޑުލުން ނަމަ: 43 ރުފިޔާ

މޮޅު ހަނޑުލުން ނަމަ: 72 ރުފިޔާ އެވެ

ފުށުން ފަރީއްކުޅުއްވާ ބޭފުޅުން ޒަކާތް ދައްކަވާނީ އާދައިގެ ހަނޑުލުގެ ރޭޓުންނެވެ

ޒަކާތް ދެއްކުން މިގޮތަށް ހަމަޖެހިފައި އޮންނާތީ މިހާރަކަށް އައިސް މިކަމާ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރެއެވެ. ފިޠުރު ޒަކާތަކީ ޢީދު ވިލޭރޭ ދެއްކުން ވާޖިބުވާ އެއްޗެއް ކަމަށާއި ރަމަޟާން މަހު ދެއްކުމަށް އަންގައި ޢީދު ވިލޭރޭގެ ކުރިން އެ ފުރުޞަތު ބަންދު ކުރުމަކީ ދީނުގައި އެކަން އޮންނަ ރަނގަޅު ގޮތް ނޫން ކަމަށް ޢިލްމުވެރިން ވިދާޅުވާކަމުގައި ބުނެއެވެ. އެހެން ކަމުން ޒަކާތް ދެއްކުމަށް ޒަމާނުއްސުރެ ރާއްޖޭގައި މި އޮންނަގޮތް ބަދަލުކުރަންޖެހިފައިވާ ކަމަށް ހިންނަވަރުގައިވެސް ވަރަށް ގިނަ މީހުން ބުނަމުން ގެންދެއެވެ. އަދި އިއްޔެ ހިންނަވަރު ހުކުރު މިސްކިތުގައި ޢަޞްރު ނަމާދަށްފަހު އޮތް ދަރުސްގައި އެކަމާމެދު ސުވާލުކުރެވި ޝެއިޚްގެ ޖަވާބުންވެސް ސާފުވެގެން ދިޔައީ މިހާރު ޒަކާތް ބަލައިގަންނަ ގޮތަކީ ރަނގަޅު ގޮތް ނޫންކަމެވެ. ސުވާލަށް ޖަވާބުދެއްވި ޝެއިޚް މުޙައްމަދު އިބްރާހީމް ވިދާޅުވީ ފިޠުރު ޒަކާތް ދެއްކުން އޮންނަނީ ފިޠުރު ޢީދު ވިލޭރޭ ކަމަށާއި، އެކަމުގައިވެސް އެންމެ ރަނގަޅު އެންމެ ސުންނަތްކަން ބޮޑު ގޮތަކީ ފިޠުރު ޢީދު ވިލޭރޭގެ ފަތިސް ނަމާދުގެ ފަހުން ޢީދު ނަމާދުގެ ކުރިން ޒަކާތް ނެރުން ކަމުގައެވެ. އަދި އެހެން ކަމުން ރާއްޖޭގައި މިކަން ހިންގާ ނިޒާމް ރަނގަޅު ނޫންކަންވެސް ފާހަގަކުރެއްވިއެވެ

މިހާރު އެސްއެސްއެމް މެދުވެރިކޮށް އަދި ސީދާ ބޭންކް އޮފް މޯލްޑިވްސް ވެބްސައިޓް މެދުވެރިކޮށް ފިޠުރު ޒަކާތް ދެއްކުމުގެ ފަސޭހަ ހަމަޖެހިފައިވާތީ، އެގޮތަށް ޒަކާތް ދައްކާ ފަރާތްތައް ކައުންސިލްގެ އިދާރާއަށް އަލުން ޒަކާތް ދައްކަން ނުޖެހޭނެތީ، މިހުރިހާ ކަމަކަށް ބަލައި ކައުން ސިލް އިދާރާއަށް ޒަކާތް ދައްކާފައިވާ މިންވަރު ރަމަޟާންމަހުގެ މިހިސާބާ ބަލާއިރު ރަނގަޅުކަމުގައި ފާހަގަކުރެވެއެވެ
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger