adbanner

adbanner
Home » , » ރޯދަމަސް ދެބައިވުމުން ވިސްނަންވީ ކޮންކަމެއް؟

ރޯދަމަސް ދެބައިވުމުން ވިސްނަންވީ ކޮންކަމެއް؟

Thursday, July 25, 2013 | 2:42 AM

ބަރަކާތްތެރި ރަމަޟާންމަސް އަހަރެމެންނާ ބައްދަލުކޮށް ދެބައިވީއެވެ. ހެޔޮކަމާއި އަޅުކަމަށް ޚާއްޞަ އަހައްމިއްޔަތެއް ދެވޭ މި މަހުގެ ފަހު 15 އާއިމެދު ވިސްނަންވީ ކިހާވަރަކަށް ބާވައެވެ. މިއީ ހެޔޮކަމުގެ މޫސުމަކަށްވީތީ، ރަޙްމަތާ ސަވާބުން ފުރިގެންވީ މަހަކަށް ވީތީ، ފަހު 15 އާއިމެދު އިތުރަށް ފަރުވާތެރިވެ ވިސްނައި ޢަމަލުކުރަންވީ ކަންތައްތަކެއް ހުންނާނެކަން ޔަޤީނެވެ.
އެންމެ ފުރަތަމަވެސް ބަލާލަންވީ ފުރަތަމަ 15 ވޭތުކުރެވުނީ ކިހިނެއްތޯއެވެ. ފުރިހަމަ ރޯދައިގެ ގޮތުގައި ފުރަތަމަ 15 ރޯދަ ޤަބޫލުކުރެވޭވަރަށް ތިމާގެ ޢަމަލުތައް ބެހެއްޓުނުތޯއެވެ. ފަރުޟު ނަމާދަށް ފުރިހަމައަށް ސަމާލުކަން ދެވުނުތޯއެވެ. ޤުރުއާން ކިޔެވުމާއި ޞަދަޤާތްކުރުން، އެހެން މީހުންނަށް ހެޔޮ ފޯރުވުންފަދަ ކަންކަން ކިހާވަރަކަށް ކުރެވުނުތޯ މި ފުރުޞަތުގައި ވިސްނާލަމާ ހިނގާށެވެ. ނޭދެވޭ ނުބައި ވާހަކަތަކުންނާއި ބޭކާރު ޢަމަލުތަކުން ދުރުގައި އުޅެވިއްޖެތޯއެވެ. ތަރާވީސް ނަމާދު ނުވަތަ ރޭނގަޑުގެ ރޭ އަޅުކަން ފަދަ ކަންކަމުގައި ރޭގަނޑުގެ ވަގުތުތައް ހޭދަކުރެވިފައިވަނީ ކިހާވަރަކަށްތޯ ވަޒަންކޮށްލަންވީއެވެ.
މިގޮތުގެމަތިން ފުރަތަމަ 15 ހޭދަވެގެން ދިޔަގޮތާމެދު ވިސްނާލުމުން ފަހު 15 ގައި ސަމާލުކަންދޭންވީ ކޮންކަމަކާކަން އެނގިގެންދާނެއެވެ. ޤުރުއާން ކިޔެވުން އަދިވެސް އިތުރުކުރަންވީއެވެ. ރައްޓެހިންނަށާއި ގާތްތިމާގެ މީހުންނަށާއި އަވައްޓެރިންގެ ތެރެއިންވެސް ވީވަރަކުން މީހުންނަށް ރޯދަވީއްލުންދީ، އެފަދަ ކަމަކުންވެސް އިތުރު ހެޔޮކަމެއް ލިބޭތޯ ބަލަންވީއެވެ. ރޭގަނޑާއި ދުވާލުގެ ވަގުތުގައިވެސް ކުޅިވަރާއި މުނިފޫހިފިލުވުމާއި މަޖާކުރުމުގައި ވަގުތުތައް ދުއްވާލެވިފައިވާނަމަ، އެކަން މަދުކޮށް މި 15 ޚާއްޞަ ކުރަންވީ ވީހާ ބޮޑަކަށް އަޅުކަމަށެވެ.
މި ހުރިހާކަމަކަށްވުރެ އަހައްމިއްޔަތު ބޮޑުކޮށް ބަލަންވީ ބަރަކާތްތެރި ލައިލަތުލް ޤަދްރި ލިބޭތޯއެވެ. އުއްމަތަށް ވަންހަނާކުރައްވާފައިވާ މި މާތް ރޭގެ ހެޔޮކަން ލިބޭ މީހަކަށްވޭތޯ ބެލުމަށް އާ ޢަޒުމެއް ނެރެ ފަހު 15 ގެ ކޮންމެ ރެއަކުމެ އަޅުކަމާއި ﷲ އަށް ކުއްތަންވުން އިތުރު ކުރަމާ ހިނގާށެވެ.
އަޅުގަނޑުމެންގެ ރަށް، ހިންނަވަރަށް ބަލާލުމުން އަޅުކަމަށްޓަކައި ރެއާއި ދުވާލުގެ ވީހާ ގިނަ ވަގުތު ހޭދަކުރާ މީސްމީހުން ފެންނާތީ އުފާވެއެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުވެ ދީނުގެ ކަންކަމަށް ސަމާލުވާ ޒުވާނުން ގިނަވަމުން އަންނަކަންވެސް ފާހަގަކުރެވެއެވެ. ނަމަވެސް މި ރޯދަމަހުގެވެސް ވަރަށް ގިނަ ބަޔަކު ކުޅިވަރުގައި އެތައް ވަގުތުތަކެއް ހޭދަކުރާތީ ފެނެއެވެ. ދުވާލާއި ރޭގަނޑުގެ ވަގުތު ތަކުގައިވެސް މަގުމަތީގައާއި، ގޭ ތެރޭގައިވެސް ކުޅިވަރު ކުޅުމާއި މުނިފޫހި ފިލުވުމުގެ ޕްރޮގްރާމްތައް ބެލުންފަދަ ކަންކަމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރަމުން ގެންދެއެވެ. އަޅުކަމާއި ގަޔާނުވެވި ރަމަޟާންމަހުގެ ބަރަކާތްތެރިކަމާމެދު އެންމެ ރަނގަޅަށް ވިސްނާނުލާ އުޅޭ ބައެއް ކުދިން އުޅޭތަން ފެނެއެވެ. އެކަންތައްތައް މަޑުޖައްސާލާފައި އެންމެެން އެކަތިގަނޑަކަށްވެ ރަމަޟާންމަހުގެ ފުރިހަމަ ދަރުމައާއި ސަވާބު ހޯދުމަށް މަހުގެ ފަހު 15 ގައިވެސް އިތުރަށް މަސައްކަތް ކުރަމާތޯއެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger