adbanner

adbanner
Home » , , » މިނިވަންދުވަސް ހަނދާން އެބަހުރިތަ

މިނިވަންދުވަސް ހަނދާން އެބަހުރިތަ

Friday, July 26, 2013 | 5:04 PM

ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނު ތާރީޚީ ވަގުތުކޮޅު

މިއަދަކީ ދިވެހިރާއްޖޭގެ އުފާވެރި، ފަޚްރުވެރި މިނިވަން ދުވަހެވެ. އިނގިރޭސީންގެ އަތްދަށުން ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނު އުފާވެރި ދުވަހެވެ. މި ފަޚްރުވެރި މިނިވަންކަން ލިބުނުތާ މިއަދަށް 48 އަހަރުވީއެވެ. ބައި ޤަރުނާ ކައިރިވީއެވެ. އެހެން ނަމަވެސް މިއުފާވެރިކަން ލިބެނީ މިއަދު ކިތައް ދިވެހިންނަށް ހެއްޔެވެ؟ އެންމެ ކުޑަމިނުން މިއީ މިނިވަންދުވަސްކަން ހަނދާންހުރީ ކިތައް ރައްޔިތުންބާއެވެ.
މިނިވަން ދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަހެކެވެ. އެދުވަހުގެ މުނާސަބަތުގައި ޖެހިގެން އަންނަ ދުވަސް ބަންދުވެއެވެ. ކަން ދިމާވިގޮތުން މިފަހަރުގެ މިނިވަން ދުވަސް ހުކުރު ދުވަހަކަށްވުމުން، މިނިވަން ދުވަހާ ގުޅިގެން ލިބޭ 2 ދުވަސްވެސް ހަފްތާ ބަންދަށްވީއެވެ. މިހެން ވުމުން އިތުރު ބަންދު ދުވަހެއް ލިބުނު ކަމުގެ އިޙުސާސްވެސް ނުކުރެވެއެވެ. މިނިވަންދުވަސް ހަނދާން ނައްތާލައި، އެދުވަސް ފާހަގަކުރަން ބޭނުންނުވާ މީހުންނަށް އެކަމަށް އިތުރަށް މަގުފަހިވީއެވެ.
ރާއްޖޭގެ ޤައުމިއްޔަތާ މިނިވަންކަމާމެދު ވިސްނައި ފިކުރުކޮށް ހަދާ މިންވަރު މިހާ ދަށްވީ އަހަރެމެންގެ ތެރޭގައި ސިޔާސީ ބައިބައިވުން އުފެދިގެން ދިއުމުންނެވެ. ސިޔާސީ ވާދަވެރިކަން އުފައްދައި އެ ޙަރަކާތްތައް ނޭދެވޭ މަގަކުން ދަތުރުކުރާން ފެށުމުންނެވެ. ސިޔާސީ ވާދަވެރިކަމުގެ ބޭނުމަކީ ރިވެތި ގޮތުގައި ވާދަކޮށް ޤައުމަށް ކުރިއެރުން ގެނަސްދިނުމަށް ކުރެވޭ މަސައްކަތަކަށް ނުހެދީމައެވެ.
އެއާ ޚިލާފަށް އަހަރެމެން އެކަން ކުރީ އަމިއްލަ އެދުމަށެވެ. އަނެކާއަށް ޖެއްސުން ކުރުމަށެވެ. މަލާމާތްކުރުމާއި އެއްޗެތި ގޮވުމަށެވެ. ޤައުމަށް ކުރިއެރުން ހޯދުމަށްވުރެ ބޮޑަށް އަމިއްލަ އެދުމާއި ޕާޓީގެ ޒާތީ މަޞްލަޙަތުތައް ކުރިއަށް ނެރެވުނީމައެވެ. ޚިޔާލުތަފާތުވާ މީހުންނާ ގުޅުން ކަނޑައި ޒުވާބުކޮށް ތަޅާފޮޅާ ހެދީމައެވެ.
އާޚިރު ނަތީޖާއަކީ ޤައުމުގެ އެއްބައިވަންތަކަން ނެތިގެންދިއުމެވެ. ގުޅުންތައް ކެނޑެމުންގޮސް ރައްޓެހިންނާއި، އަވައްޓެރިން ކީއްކުރަންތޯއެވެ. ޢާއިލާތަކުގެ ތެރޭގައިވެސް މި މުޞީބާތް ފެތުރި ޢާއިލާތައްވެސް ބައިބައިވެ ދިޔައީއެވެ. ޤައުމުގެ ކުރިއެރުމާއި އުފާވެރިކަމާމެދު ފަރުވާލެއް ނެތެވެ. ޤައުމީ ދުވަސް، މިނިވަންދުވަސް، ޖުމްހޫރީ ދުވަސްފަދަ އެއްވެސް ދުވަހެއްގެ މަތިން ހަނދާނެއް ނެތެވެ. އެފަދަ ދުވަސްތައް ފާހަގަކޮށް ޤައުމާމެދު ވިސްނައި ޤައުމުގެ ކުރިއެރުމަށް ވާހަކަ ދައްކައި ކަންތައްތަކެއް ކުރާން ބަލާއިރު އެންމެން އެކީ މަސައްކަތް ކުރަންޖެހެއެވެ. އެކަން ބޭނުން ނުވަނީއެވެ. ބޭނުންވަނީ ވަކިވަކިވެ ތިބޭށެވެ.
ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަނީ މި މަންޒަރެވެ. އެކި ދިމާއިން އެކި ވަރަށެވެ. އަހަރެމެންގެ ލޮބުވެތި ހިންނަވަރުވެސް މިކަމުން އިސްތިސްނާ ނުވެއެވެ. ސިޔާސީ ދެކޮޅުވެރިކަމާއި ޒާތީ މައްސަލަތަކުގައި ޖެހުނު މައްސަލަތައް ބޮޑުވެ ހުޅުފަޅައިގެންގޮސް ގުޅުންތައް ގޯސްވެފައިވެއެވެ. އެހެންކަމުން މި ފަދަ ދުވަސްތަކަކީ މިކަންކަމާމެދު ވިސްނަންޖެހޭ ދުވަސްތަކެވެ. ވިސްނައި ރަނގަޅު މަގަކަށް ދިއުމަށް މަސައްކަތްތަކެއް ފަށަންވީ ދުވަސްތަކެވެ. ޚިޔާލު ތަފާތުވިޔަސް، ޕާޓީ ތަފާތުވިޔަސް، އެކަކު އަނެކަކާ ވާހަކަ ދައްކައި، އެކުވެރިކަމާއެކު އުޅޭންވީއެވެ. މިއީ މިނިވަންދުވަހޭ ބުނެ ސަލާންގަލާންކޮށް ތަހުނިޔާ ކިޔަންވީއެވެ. ރަށާއި ޤައުމުގެ ކުރިއެރުމާއި ތިމާމެންގެ އަމިއްލަ އުފަލާއި ފާގަތިކަން އޮތީ އެގޮތުގައިކަމަށް ޤަބޫލުކުރަންވީއެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger