adbanner

adbanner
Home » , » ރިޔާސީ އިންތިޚާބާއި ހިންނަވަރު

ރިޔާސީ އިންތިޚާބާއި ހިންނަވަރު

Tuesday, July 30, 2013 | 11:04 PM

ކުރިމަތީގައި އޮތް ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުން ތާއީދު ހޯދައި ކެމްޕޭން ކުރާއިރު ރައްޔިތުންވެސް ތައްޔާރުވަނީ ހަމަ އެކަމަށެވެ. ހިންނަވަރުގައިވެސް ކެމްޕެއިންގެ ޙަރަކާތްތައް އެކި ކެންޑިޓޭޓުންގެ ފަރާތުން އެކިވަރަށް ފެނެއެވެ. ނަމަވެސް މިފަހަރު ބަލައިލާނީ ރިޔާސީ އިންތިޚާބުގެ މާޒީއާއި ހިންނަވަރާ ހުރި ގުޅުމަށެވެ.
ހިންނަވަރަކީ ރިޔާސީ އިންތިޚާބުގެ ނަތީޖާގައި ޚާއްޞަ ރަށެކެވެ. ފާއިތުވެ ދިޔަ 7 އިންތިޚާބުގައި ހޯދާފައިވާ ޚާއްޞަ ނަތީޖާގެ ސަބަބުންނެވެ.
ރިޔާސީ އިންތިޚާބުގެ ވާހަކަ ދައްކާނަމަ ފަށާނީ 1978 އިންނެވެ. ރައީސް މައުމޫނުގެ ފުރަތަމަ ދައުރުން ނެވެ. އެފަހަރު ހިންނަވަރުން %100 ރައީސް މައުމޫނަށް އާއެކޭ ބުންޏެވެ. ޖެހިގެން އައި 5 އިންތިޚާބުގައިވެސް ހިންނަވަރުން ރައީސް މައުމޫނަށް %100 އާއެކޭ ބުނެފައިވެއެވެ.
ކުޑަކާފު ޖެހުމާއި ބޮޑުކާފު ޖެހުމާއި، އައިޑީ ކާޑު ގެންގޮސްގެން ވޯޓު ލުމާއި، ވޯޓު ފޮށީގައި ބަނޑު އެޅުމާއި، ވޯޓު ކަރުދާސް ޖަހައިގަނެގެން ގެންދިއުންފަދަ ވާހަކަތައް މިތާނގައި ދައްކާކަށް ނެތީމެވެ. މިތާނގައި ބުނެލަން ބޭނުންވަނީ އިންތިޚާބުގެ ނަތީޖާއެވެ. ރައީސް މައުމޫން ޖެހިޖެހިގެން 6 ދައުރަށް ހޮވުނީ ހިންނަވަރުގެ %100 ޕަސެންޓް ތާއީދާ އެކުގައެވެ. އެއީ ވޯޓުގެ ނަތީޖާއެވެ. ހިންނަވަރު ރައްޔިތުންގެ ނިންމުން ކަމުގައި އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރާ ނަތީޖާއެވެ. ރިޔާސީ އިންތިޚާބުގެ ހިންނަވަރުގެ ތާރީޚެވެ.
ޙައިރާންކަން ގެނުވީ 2008 ވަނަ އަހަރުއެވެ. ފުރަތަމަ ބުރާއި ދެވަނަ ބުރުވެސް ފެނިގެން ދިޔައީ ދާދި އެއްގޮތަކަށެވެ. ނަތީޖާ އޮތީ ދެބަޔަކަށް ބެހިފައެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދަށް ގާތްގަނޑަކަށް ހަމައަށް ދެބަޔަށް ބެހިފައެވެ. ހަ ފަހަރު %100 އާއެކޭ ބުނި ރައްޔިތުން ގެ ތެރެއިން 7 ވަނަ ފަހަރު އާއެކޭ ބުނީ ދެބައިކުޅަ އެއްބައެވެ.
ދެން އޮތީ ކުރިމަތީގައި މި އޮތް އިންތިޚާބެވެ. ކެމްޕެއިންގެ ޙަރަކާތްތަކާއި ބޭރުބޭރުން ފެންނަ މަންޒަރުތަކުން އެމްޑީޕީގެ ކެމްޕެއިން ޙަރަކާތްތައް ގިނައެވެ. ޖުމްހޫރީ ޕާޓީއާއި ޕީޕީއެމްގެ ޙަރަކާތްތައްވެސް ފެނެއެވެ. އަދި ޤައުމާއިގެން ކުރިއަށް ކެމްޕެއިންވެސް ނުފެންނަ ކަމުގައި ނުދެންނެވޭނެއެވެ. އެހެންކަމުން ކޮންމެ ސަބަބަކާ ހެދި ނަމަވެސް 6 ފަހަރު ރައީސް މައުމޫނަށް ސައްތައިން ސައްތަ ދީފައި، 7 ވަނަ ފަހަރު ދެބައިކުޅަ އެއްބައި މައުމޫނަށް، ދެބައިކުޅަ އެއްބައި ނަޝީދަށް ވޯޓުލީ ހިންނަވަރު ރައްޔިތުންގެ މިފަހަރުގެ ނިންމުމާމެދު ވަކިގޮތެއް ލަފާކުރަން އެހާފަސޭހައެއް ނޫނެވެ. އެނގޭނީ 7 ސެޕްޓެމްބަރ ގައެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger