adbanner

adbanner
Home » » ރަމަޟާންމަހުގެ ހެޔޮކަމާއި ބަރަކާތް ފުރިހަމައަށް ހޯދުން

ރަމަޟާންމަހުގެ ހެޔޮކަމާއި ބަރަކާތް ފުރިހަމައަށް ހޯދުން

Wednesday, July 10, 2013 | 1:35 AM

ރަމަޟާންމަހަކީ ތަޤްވާއާއި ކެތްތެރިކަމުގެ މޫސުމެވެ. ހެޔޮކަމާއި ބަރަކާތުގެ ފޯވައްސެކެވެ. މި ބަރަކާތްތެރި މަސް މިއަދު ފެށުނު އިރު މި މަހުގެ ހެޔޮކަމާއި ބަރަކާތް ހޯދުމަށް ހުރިހާ މުސްލިމުން އަތުކުރި އޮޅާލައި އަވަސްވެގަތުން ހުއްޓެވެ.

ނުބައި ނުލަފާ ޖިންނި ޝައިޠާނުން ކަސްތަޅު އެޅުވި، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި ނަރަކައިގެ ދޮރުތައް ބަންދުކުރެވިގެންދާ މި ބަރަކާތްތެރި މަހުގެ ހެޔޮކަމާއި ޙުރުމަތް ބަޔާންކުރައްވައި ރަސޫލާގެ ޙަދީސެއްގައި ވަނީ މިފައިންނެވެ. يا باغي الخير أقبل ويا باغي الشر أقصر މާނައީ: އޭ ހެޔޮކަންތަކަށް އެދޭމީހާއެވެ. އަވަހަށް ހެޔޮކަންތަކަށް ކުރިމަތިލާށެވެ. އަދި އޭ ނުބައިކަންތަކަށް އެދޭ މީހާއެވެ. ހުއްޓައިލާށެވެ. (ހެޔޮކަމުގެ މި ބަރަކާތްތެރި މައްސަރުގެ ޙުރުމަތަށްޓަކާވެސް) މަޑުޖައްސައިލާށެވެ.

ރަމަޟާންމަހުގެ މާތްކަމާއި މަތިވެރިކަމާމެދު އެތައް އެތައް ޙަދީސެއް ވާރިދުވެފައިވެއެވެ. ތެދުވެރި އީމާންކަމާއެކު ﷲ ގެ ޙަޟްރަތުން ދަރުމައާއި ސަވާބަށްއެދި ރަމަޟާންމަހުގެ ރޯދަ ހިފައިފި މީހެއްގެ އިސްވެގޮސްފައިވާ ހުރިހާ ފާފައެއް ފުހެވޭނެކަމުގައިވެސް ޙަދީސްފުޅެއްގެ މާނާގައިވެއެވެ. މި ނޫނަސް ރޯދަވެރިޔަކަށް ރޯދަ ވީއްލާނެ އެއްޗެއް ދިނުމަކީވެސް ރޯދަ ވެރިޔާއަށް ލިބޭފަދަ ސަވާބު ލިބޭނެކަމެއް ކަމާއި، ރަމަޟާންމަހު ސުންނަތެއް އަދާކުރުމަކީ އެނޫން މަސްމަހު ފަރުޟެއް އަދާކުރުންފަދަ ހެޔޮ ކަމެއް ކަމާއި، ރަމަޟާން މަހު ފަރުޟެއް އަދާކުރުމަކީ އެހެން މަސްމަހު 70 ފަރުުޟު އަދާކުރުންފަދަ ހެޔޮ ކަމެއް ކަމުގައިވެސް ވާރިދުވެފައިވެއެވެ.

މިފަދަ ބަރަކާތްތެރި މާތް މަހެއް ކަމުގައި ރަމަޟާންމަސް ލައްވާފައި ވީ ނަމަވެސް، އެ މަހުގެ ހެޔޮކަމާއި ބަރަކާތް ލިބޭނީ ތެދުވެރި އިޚްލާޞްތެރިންނަށެވެ. ހަމައެކަނި ނުކައިނުބޮއި ހުއްޓަކަސް، އަދި ނަމުގައި ރޭ އަޅުކަން ކުރިޔަކަސް އެ ފައިދާ ޙާޞިލެއް ނުވާނެއެވެ. ބޭކާރުވާހަކަތަކާއި، ހުތުރު ޒުވާބާއި މީހުންގެ ނެތި ނުބައި މޮށުމާއި ތިމާގެ ދުލުގެ ނުބައިކަން ހިމެނޭ މިފަދަ ހުރިހާ ކަމަކުން ރައްކާތެރިވާންޖެހެއެވެ. ޙަދީސެއްގައި ވެއެވެ. كَمْ مِنْ صَائِمٍ لَيْسَ لَهُ مِنْ صِيَامِهِ إِلَّا الْجُوعُ وَكَمْ مِنْ قَائِمٍ لَيْسَ لَهُ مِنْ قِيَامِهِ إِلَّا السَّهَرُ މާނައަކީ ބަނޑުހައި ހޫނުކަން ފިޔަވައި އިތުރު އެއްޗެއް ނުލިބޭ ކިތައް ރޯދަވެރިން ވޭހޭ. އަދި ނިދި ގެއްލުން ފިޔަވައި އިތުރު އެއްޗެއް ނުލިބޭ ކިތައް މީހުން ރޭ އަޅުކަން ކުރޭހޭ. މި ޙަދީސުން އެނގޭގޮތުގައި ރޯދައާއި ރޭ އަޅުކަމުގެ ފުރިހަމަ ސަވާބު ލިބޭނީ ޝަރުޠުތަކާއެކުގައެވެ. އަދި އެހެން ޙަދީސެއްގެ މާނާގައިވެއެވެ. ނުބައި ވާހަކަތަކުންނާއި ނުބައި ޢަމަލުތަކުން ދުރުނުވާ މީހާގެ (ރޯދައިގެ މާނާގައި) ނުކައި ނުބޮއި ހުރުން ﷲ އެމީހާގެ ކިބައިން އެދިވޮޑި ނުގަންނަވައެވެ. އަދިވެސް އެހެން ޙަދީސެއްގެ މާނާގައިި ވެއެވެ. ރޯދަމަހެއް އައިސް ފާއިތުވެދާއިރު އެމީހެއްގެ ފާފަ ނުފޮހެވުނު މީހަކީ ގެއްލެނިވެފައިވާ މީހެކެވެ. ވީމާ، މިއީ ފާފަ ފުހެވުމާއި ހެޔޮކަންތައް ހޯދުމަށް ރަނުގެ ފުރުޞަތެކެވެ.

އެހެންކަމުން ހުރިހާ މުސްލިމުން ވިސްނަންވީ ނުބައި ވާހަކަތަކުން ދުރުވެ، ތެދުވެރިކަމާއެކު ރޯދަ ހިފުމަށެވެ. އަދި ރޭއަޅުކަންކޮށް، ރަމަޟާންމަހުގެ ފުރިހަމަ ސަވާބާއި ދަރުމަ ހޯދުމަށެވެ. ފުރަތަމަ ދިހައެއްގައި ހިމެނޭ ރަޙުމަތްލެއްވުމާއި ދެވަނަ ދިހައެއްގައި ހިމެނޭ ފާފަ ފުއްސެވުމާއި ފަހު ދިހައެއްގައި ހިމެނޭ ނަރަކައިން މިންޖު ކުރެއްވުން ފުރިހަމައަށް ލިބޭތޯއެވެ. 1000 މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ލައިލަތުލް ޤަދްރި ރޭގެ ހެޔޮކަން ލިބޭތޯއެވެ. "އައް-ރައްޔާން" ގެ ނަން ދެވިފައިވާ ހަމައެކަނި ރޯދަވެރިން ސުވަރުގެ ވަނުމަށް ޚާއްޞަ ކުރެވިފައިވާ ދޮރޯށިން ސުވަރުގެ ވަދެވޭ ރޯދަވެރިންނަށް ވެވޭތޯއެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger