adbanner

adbanner
Home » » ރޯދަމަހާއެކުއެކީގައި މިސްކިތްތަކުގައި މަރާމާތުތަކެއް

ރޯދަމަހާއެކުއެކީގައި މިސްކިތްތަކުގައި މަރާމާތުތަކެއް

Wednesday, July 10, 2013 | 1:32 AM

ބަރަކާތްތެރި ރަމަޟާންމަސް މިއަދު ފެށިގެން ދިޔައިރު ހިންނަވަރުގެ މިސްކިތްތަކުގެ ތަފާތު މަރާމާތު މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެވެއެވެ. ހުރިހާ ކަމެއް ރޯދަމަހަށް މުޅިން ނިންމާނުލެވުނު ނަމަވެސް މަރާމާތުގެ މި މަސައްކަތްތައް އަދިވެސް ދަނީ ކުރެވެމުންނެވެ.

އެގޮތުން އުތުރު އަވަށުގައި ހުންނަ މިސްކިތުގައި ކުލަލުމުގެ މަސައްކަތެއް ވަނީ ކުރެވިފައެވެ. އަދި ރަށުގެ މެދުތެރޭގައި ހުންނަ އެންމެ ބޮޑު މިސްކިތް އަދި މިހާރުގެ ހުކުރު މިސްކިތްކަމުގައިވާ މަސްޖިދުލް އަންޞާރުގައި ފަސޭހައިން ބޯފެން ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވެއެވެ. ވާރޭފެންތާނގީއަށް އިސްކުރުބަރިއެއް ބެހެއްޓި ފެން ލައިނެއް ވަނީ ގުޅާލެވިފައެވެ.

ހުކުރު މިސްކިތް މަސްޖިދުލް އަންޞާރު ގައި ފަސޭހައިން ބޯފެން ލިބޭނެގޮތް ހަމަޖެހިފައި


މި މަސައްކަތް ތަކާމެދު ރަށު ކައުންސިލްގެ ރައީސް އާދަމް ޔޫސުފް ވިދާޅުވީ މިސްކިތްތަކުގެ މައިގަނޑު މަރާމާތުތައް ކުރެވޭތޯ މަސައްކަތް ކުރެއްވި ކަމަށާއި، އެކަމަށްޓަކައި މިސްކިތު ފަންޑުން ފައިސާ ލިބޭތޯ އުޅުއްވިކަމުގައެވެ. ނަމަވެސް ފަންޑުގެ އެހީ ލިބޭނެ އުއްމީދެއް ލިބިފައިވެސް، ފަހުވަގުތު އެއްވެސް އެހީއެއް ނުލިބުމުން މަރާމާތުގެ ކަންތައް އެދެވޭ ގޮތުގައި ކުރެވިފައި ނުވާކަމުގައެވެ. އެހެންކަމުން މިހާރު ކުރެވިފައިވާ، އަދި ކުރެވެމުންދާ މަރާމާތު މަސައްކަތް ތަކަކީ ޢާއްމުކޮށް ރަށުގައި އިޢުލާންކުރުމުން، ރަށުގެ ތަފާތު ފަރާތްތަކުން ދެއްވި ދީލަތި އެހީތެރިކަމާއެކު ކުރެވެމުންދާ މަރާމާތު މަސައްކަތްތަކެއް ކަމުގައިވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އާދަމް ޔޫސުފް އިތުރަށް ވިދާޅުވީ، ރަށުގެ ރައްޔިތުންގެ ތެރެއިން މިސްކިތްތަކުގެ މަރާމާތުގައި މިހާރު ކުރެވޭ މަސައްކަތްތަކުގެ އިތުރުންވެސް އަދި އިތުރު ބޮޑެތި ކަންތައްތައް ކޮށްދެއްވުމުގެ ޝައުޤުވެރިކަން ބައެއް ބޭފުޅުން ފާޅުކުރައްވަމުން ގެންދަވާކަމުގައެވެ.

ހިންނަވަރުގައި ވަރަށްފަހަކުން އަލުން ޢިމާރާތްކުރެވުނު ހުކުރު މިސްކިތު ތެރެއަށް މިހާރުވެސް ވިއްސާރަމޫސުމުގައި ވާރޭވެހޭކަމާއި، ފާރުތަކުގައި ރެނދުއަޅާފައިވާކަން ފާހަގަކުރެވެއެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger