adbanner

adbanner
Home » , , » އެގާރަހާސް ރުފިޔާއާއެކު ތަށި އުފުލާލާނީ ކޮން ޓީމެއް؟

އެގާރަހާސް ރުފިޔާއާއެކު ތަށި އުފުލާލާނީ ކޮން ޓީމެއް؟

Monday, August 5, 2013 | 2:18 PM

ސޮސް ރަމަޒާން ކަޕްގެ ފައިނަލް މެޗް މިއަދު ކުޅެން ހަމަޖެހިފައިވާއިރުފައިނަލަށް ދިޔަ ދެ ޓީމް ކަމަށްވާ ޓޯނަޑޯޒްއާއި ރިވަރސައިޑްވެސް ތިބޭނީ ތަށި އުފުލާލުމާއެކު 11،111 ރުފިޔާގެ ފައިސާގެ އިނާމު ހޯދުމުގެ ޢަޒުމުގައެވެ. އެހެންނަމަވެސް މި އިނާމާއި ޝަރަފު ލިބޭނީ ކޮންމެވެސް އެއް ޓީމަކަށެވެ. ދެވަނައަށް ދާ ރަނަރަޕް ޓީމަށް ލިބޭނީ 5،555 ރުފިޔާގެ ފައިސާގެ އިނާމެވެ.
މި ދެ ޓީމު މުބާރާތުގައި ކުރިން ކުޅުނު މެޗްތަކަށް ބަލާއިރު ރިވަރސައިޑް އަކީ މިހާތަނަށް އެއްވެސް މެޗަކުން ބަލިވެފައިވާ ޓީމެއް ނޫނެވެ. ޖުމްލަ 4 މެޗް ކުޅެފައިވާއިރު 2 މެޗުން މޮޅުވެ 2 މެޗުން އޮތީ އެއްވަރުވެފައެވެ. މޮޅުވެފައިވަނީ ފުރަތަމަ ބުރު ކުޅުނު ދެމެޗުންނެވެ. ދެވަނަ ބުރު ކުޅުނު މެޗްތަކުން ވެފައިވަނީ އެއްވަރެވެ. ދެވަނަ ބުރުގެ 3 ވަނަ މެޗް ލިބިފައިވަނީ ކުޅެން ނުޖެހި ކްރިސްޓަލް މެޗް ދޫކޮށްލާފައިވާތީއެވެ. 
ރިވަރސައިޑް މޮޅުވެފައިވާ މެޗްތަކަށް ބަލާއިރު ޓޯނަޑޯޒްއާ ބައްދަލުކޮށް 2-4 އިން މޮޅުވެފައިވެއެވެ. އެއީ ފުރަތަމަ ބުރެވެ. ނަމަވެސް ދެވަނަ ބުރު ވެފައިވަނީ އެއްވަރެވެ.
ޓޯނަޑޯޒް 6 މެޗް ކުޅެފައިވާއިރު ފުރަތަމަ ބުރު ގްރޫޕް ސްޓޭޖުގައި 1 މެޗުން މޮޅުވެ 1 މެޗުން ބަލިވެ ޕްލޭއޯފް ކުޅެން ޖެހުނީއެވެ. ބަލިވީ ރިވަރސައިޑްއާއެކު ކުޅުނު މެޗެވެ. ދެވަނަ ބުރުގައި ކުޅުނު 3 މެޗުން ދެމެޗުން މޮޅުވެފައިވާއިރު އެއްވަރުވީ ރިވަރސައިޑްއާއެކު ކުޅުނު މެޗުންނެވެ.
އެހެންކަމުން މުބާރާތުގެ ދެވަނަ ބުރުގެ މެޗްތަކަށް ބަލާލުމުން ފެންނަނީ ދެޓީމު ދާދި ހަމަހަމަކޮށެވެ. ވީމާ ވަކިގޮތެއް ލަފާކުރަންވެސް ފަސޭހައެއް ނޫނެވެ.
ރިވަރސައިޑްގެ ކޯޗު އާދަމް ޔޫސުފްގެ އުއްމީދަކީ މިއަދުގެ މެޗުން މޮޅުވެ ޗެމްޕިއަންކަން ހޯދުމެވެ. ނަމަވެސް ޓީމުގެ ޑިފެންސް ލައިންގައި އެންޖަރީގެ މައްސަލަ އުޅޭތީ ކަންބޮޑުވާ ކަމަށާއި އެހެންނަމަވެސް މެޗް ފަށައިގެން ކުޅޭނީ ފުލް ޓީމު ނުވަތަ ފުރަތަމަ 11 އާއެކުގައިކަމަށް ކޯޗު ހާމަކުރެއްވިއެވެ.
ޓޯނަޑޯޒްގެ ކޯޗު އިބްރާހީމް އިސްމާޢީލްވެސް ހާމަކުރެއްވީ ޓީމް މެޗަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި ކޮންމެސް ވަރަކަށް އިންޖަރީގެ މައްސަލަ އުޅުނަސް ފުލް ޓީމް ފެނިގެންދާނެކަމުގައެވެ. އަދި އުއްމީދަކީ މޮޅުވެ ތަށި އުފުލާލުމެވެ.
ފައިނަލް މެޗާ ހަމައަށް އައިއިރު މުބާރާތުގެ އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިންނަށް ބަލާއިރު މިއަދު ފައިނަލްގައި ކުޅޭ ރިވަރސައިޑްގެ ޙުސައިން މުޙައްމަދު 4 ގޯލުޖަހާފައިވެއެވެ. އޭގެ އިތުރުން 4 ގޯލު ޖަހާފައިވަނީ ކްރިސްޓަލްގެ މުޙައްމަދު ނަދީމެވެ. ދެން 3 ގޯލާއެކު ވާދަކުރަނީ ޓޯނަޑޯޒްގެ އިބްރާހީމް ޝިފާޒުއެވެ. ފައިނަލްގައި ކުޅޭ ޓީމްތަކުގެ ކުޅުންތެރިންގެ ތެރެއިން މިހާތަނަށް 2 ގޯލް ޖަހާފައިވާ ކުޅުންތެރިންނަކީ ރިވަރސައިޑްގެ އަޙްމަދު އިކްރާމްއާއި، މުޙައްމަދު ނަޞީރު، އަދި ޓޯނަޑޯޒްގެ އިނާދު ޢީސާ، ވިޖާޒު ޢީސާ އަދި އިބްރާހީމް ޙަސަންއެވެ. 
މުބާރާތުގައި ޢާއްމުކޮށް ހޮވާ މަޤާމްތަކުގެ އިތުރުން މި މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ ހޮވައި އިނާމު ދޭނެ ކަމުގައި ސޮސް ބޯއީޒުން ހާމަކުރެއެވެ.
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައިގައި މިއަދަކީ ހިންނަވަރަށްވެސް ވިއްސާރަ ދުވަހަކަށްވިޔަސް، އަދި އޮތީ ފައިނަލްމެޗް ކުޅޭ ގޮތަށެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger