adbanner

adbanner
Home » , , » ކޯދޮވުން ނުވަތަ ރޯދަވީއްލުމާއި ތަރާވީހާއި ހާރުކެއުމާއި ރޯދަކުރުކުރުން

ކޯދޮވުން ނުވަތަ ރޯދަވީއްލުމާއި ތަރާވީހާއި ހާރުކެއުމާއި ރޯދަކުރުކުރުން

Thursday, August 1, 2013 | 10:41 PM

މިއަހަރުގެ ބަރަކާތްތެރި ރޯދަމަސް ނިމުމާ ގާތްވެފައިވާއިރު ރޯދަމަހާ ގުޅިގެން ބޭނުންކުރެވޭ ރީތި ދިވެހި ބަސްތަކަށް ބަލައިލުން ކިހިނެއްވާނެތޯއެވެ. އެގޮތުން ސީދާ ރޯދަމަހާ ގުޅިގެން ބޭނުންކުރަމުން އަންނަ ބަސްތަކަކީ ކޯދޮވުން ނުވަތަ ރޯދަވީއްލުން، ތަރާވީސްކުރުން، ހާރުކެއުން އަދި ރޯދަ ކުރުކުރުން، މިއެވެ.
ކޯދޮވުމަކީ ރޯދަވީއްލުމެވެ. ނުވަތަ ރޯދަވީއްލުމަކީ އޭގެ ރަސްމީގޮތް ބޮޑު ބަހެވެ. ކޯދޮވުމަކީ ޢާއްމުކޮށް ބޭނުންކުރެވޭ ބަހެވެ. މިހާރަކަށް އައިސް ގިނަމީހުން ރޯދަވީއްލުމޭ ކިޔާ އުޅުނަސް ޒަމާނުއްސުރެ ބޭނުންކުރެވެމުން އައި ރީތި ބަހަކީ ކޯދޮވުމެވެ. ކަން ކުރާ ގޮތަށް ބަދަލުއައިސްފައި ވިޔަސް ޙަޤީޤީ ބަހަކީ އެއީއެވެ.
ކުރީގައި ރޯދަވީއްލަން ވުމުން ފުރަތަމަ ކުރާ ކަމަކީ ފެނުން ކޯދޮވުމެވެ. ދެފަހަރު ނުވަތަ ތިން ހަތަރު ފަހަރު ކޯދޮވެ އަނގަ ރަނގަޅަށް ދޮވެއެވެ. ކާއެއްޗެއް ކަނީ، ނުވަތަ ފަނިތައްޓެއް އެއްޗެއްވެސް ބޮނީ އޭގެ ފަހުގައެވެ. އަދި ކަދުރު ކެޔަސް ކާނީ އޭގެ ފަހުގައެވެ. އެހެންކަމުން ރޯދަވީއްލުމަށް އެންމެ ރީތި ބަހެއް ކަމުގައި ކޯދޮވުން ފުދެއެވެ. ތަންދޮރު ފިލަމުން އައިސް ރޯދަވީއްލަން އެންމެ މޮޅުގޮތަކީ ކަދުރުކެއުންކަން އެނގުނު ހިސާބުން ފެނުން އަނގަދޮވުން ނުވަތަ ކޯދޮވުން ހުއްޓި ކަދުރުން ރޯދަވީއްލުމަށް ބަދަލުވާން ފެށިއެވެ. އެހެނަސް ރޯދަ ކަނޑައިލުން، ނުވަތަ ރޯދަ ދުއްވައިލުން ނުވަތަ ވީއްލުމަށް އޮތް އެންމެ ކަމުދާ ބަހަކީ ކޯދޮވުން ކަމުގައި ނުވާންވީ ކީއްވެހެއްޔެވެ.
ތަރާވީހަކީ ރޯދަމަހު ޢިޝާ ނަމާދަށްފަހު ކުރާ ސުންނަތް ނަމާދުތަކެވެ. އެ ނަމާދުން ނިމިގެން އޮންނަ މައިގަނޑު ކެއުމަށް ކިޔާ ނަމަކީ ތަރާވީހެވެ. އެއީ ތަރާވީސްދަމުގެ ކެއުމަށް ވީތީ އެ ނަން ލިބުނީއެވެ. ހަމަ އެފަދައިން ރޭނގަޑުގެ ތިންވަނަ ދަން ނުވަތަ ހާރުދަމަކީ ރޯދައަށް ތައްޔާރުވުމަށް ރޭނގަޑު އެންމެފަހުގެ ކެއުން ކާ ގަޑި ކަމަށްވީތީ އެގަޑީގެ ކެއުމަށް ހާރުކެއުން ކިޔުނީއެވެ.
ރޯދަކުރުކުރުމަކީ އެހެން ގޮތަކަށް ބުނާނަމަ ކުޅިވަރާއި މުނިފޫހި ފިލުވާލުމާއި ވަގުތު ދުއެްވާލުމުގެ ޙަރަކާތްތަކެވެ. އެއީ ރޯދައިން ލިބޭ ވަރުބަލިކަން ހަނދާން ނައްތާލައި ކުޅިވަރާއި މަޖަލުގައި ވަގުތު ހޭދަކުރުމެވެ. ދިވެހިން ޒަމާނުއްސުރެ ރޯދަމަހު ކަންކުރަމުން އައީ އެ ގޮތަށެވެ. ރޯދަމަހުގެ ދުވާލަކީވެސް ވަރަށް ގިނައިން ކުޅިވަރުކުޅެ މަޖާކޮށް މުނިފޫހި ފިލުވާ ގޮތަށް ކަންކަން ރާވާފައިވާ މަހެކެވެ. އެހެންކަމުން އެ ހުރިހާ ކަމަކީ ބަނޑުހައި ހޫނުކަމާއެކު ހޭދަކުރާ ރޯދައިގެ ވަގުތު ކުރުކޮށްލުމަށް ކުރާ ކަންތަކަށްވީތީ އެއަށް ކިޔުނީ ރޯދަ ކުރުކުރުމެވެ. ކުޅިވަރާ މަޖާކުރުން މަދުކޮށް އަޅުކަން ގިނަކުރުމުގެ ހޭލުންތެރިކަން މިހާރު އަންނަމުންދާތަން ފެނުނަސް މިކަން ކުރިއްސުރެ އޮތީ މިގޮތަށެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger