adbanner

adbanner
Home » , , » ވެރީން ގިނަ ޅ.އަތޮޅު ތަޢުލީމީ މަރުކަޒު ޢީދު ޗުއްޓީއަށްފަހު ވެރީންނަށް ބޭނުންވެފައި

ވެރީން ގިނަ ޅ.އަތޮޅު ތަޢުލީމީ މަރުކަޒު ޢީދު ޗުއްޓީއަށްފަހު ވެރީންނަށް ބޭނުންވެފައި

Wednesday, August 14, 2013 | 8:05 PM


ޅ.އަތޮޅު ތަޢުލީމީ މަރުކަޒަކީ ޢަދަދުގެ ގޮތުން އިސްވެރީން ގިނަ ސްކޫލެއް ނަމަވެސް ދެވަނަ ސެމިސްޓަރގެ މިޑްބްރޭކް އަދި ޢީދު ބަންދަށްފަހު ހުޅުވި ފުރަތަމަ ހަފްތާ ނިމޭއިރުވެސް މިވަނީ ވެރީންނަށް ބޭނުންވެފައެވެ.

ޕްރިންސިޕަލަކާއި 3 ޑެޕިއުޓީ ޕްރިންސިޕަލުން މަޤާމުގައި ތިއްބެވި ނަމަވެސް، ސްކޫލްގެ ޕްރިންސިޕަލާއި 2 ޑެޕިއުޓީން ރަށުގައި ނެތި، މިވަގުތު ރަށުގައި ހުންނެވީ އަދި ސްކޫލާ ޙަވާލުވެ ހުންނެވީ ޑެޕިއުޓީ ޕްރިންސިޕަލް އިބްރާހީމް ޢަބްދުﷲ (އައްދު) އެވެ.

ޢީދު ބަންދަށްފަހު އާދީއްތަ ދުވަހު ހުޅުވުނު އިރު 2 ޑެޕިއުޓީ ޕްރިންސިޕަލުން ރަށުގައި ނެތެވެ. ދާދި ފަހުން ސްކޫލާ ގުޅިވަޑައިގަތް ޑެޕިއުޓީ ޕްރިންސިޕަލް ނާހިދާ އިބްރާހީމް ވަޑައިގެން ހުންނެވީ ކޯހެއްގެ ސެޝަންތަކަށް ޙާޟިރުވުމަށް ރާއްޖޭން ބޭރުގައި ކަމަށް އެނގިފައިވެއެވެ. އާދަކޮށް މާލެއާއި އެކި ތަންތަނަށް ދަތުރު ކުރައްވާ ޑެޕިއުޓީ ޕްރިންސިޕަލް އިބްރާހީމް ޢަބްދުﷲ ހުންނެވީ މާލޭގައެވެ. ސްކޫލު ހުޅުވުނު އާދީއްތަ ދުވަހު ޑެޕިއުޓީ ޕްރިންސިޕަލް ޢަލީ އަޙްމަދު ޢާއިލީ މުހިއްމު ކަމެއްގައި ފުރުއްވައިފިއެވެ. ހަމައެދުވަހުގެ އެސެމްބްލީއަށް ވަޑައިގެންނެވުނު ނަމަވެސް ޕްރިންސިޕަލް ފަޒްނާވެސް ޞިއްޙީ ޙާލަތު ހުރިގޮތުން އެދުވަހު މާ ގިނަ ވަގުތު ސްކޫލްގައި ހޭދަ ނުކުރެއްވުމުގެ އިތުރުން ހޯމަ ދުވަހު ސަލާމުގައި ހުންނަވައި އަންގާރަ ދުވަހު ފުރުއްވައިފިއެވެ. އިބްރާހީމް ޢަބްދުﷲ ރަށަށް ވަޑައިގެން ސްކޫލާ ޙަވާލުވެލެއްވީ އަންގާރަދުވަހުއެވެ.

ޕްރިންސިޕަލާއި ޑެޕިއުޓީންގެ އިތުރުން ލީޑިންގ ޓީޗަރުންގެ ގޮތުގައި މިވަގުތު މަސައްކަތްކުރައްވާ 4 ލީޑިންގ ޓީޗަރުންގެ ތެރެއިންވެސް އާދީއްތަ ދުވަހު ތިއްބެވީ 2 ބޭފުޅުންނެވެ. ޒުނައިރާއާއި މޫސާ ޙުސައިން ރަށުގައި ނެތެވެ. ހޯމަ ދުވަހު ސްކޫލަށް ނިކުންނެވީ އެންމެ ލީޑިންގ ޓީޗަރެކެވެ.

އެހެންކަމުން 12 އޯގަސްޓްވީ ހޯމަ ދުވަހަކީ، ޕްރިންސިޕަލާއި 3 ޑެޕިއުޓީން ނެތުމުގެ އިތުރުން، 4 ލީޑީންގ ޓީޗަރުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެއްވެސް ވެރިއަކު ނެތް ދުވަހެކެވެ. އެނގިފައިވާ ގޮތުގައި އެދުވަހު އިސްވެރިންގެ ގޮތުގައި ބެލެވޭ މުވައްޒަފަކަށް ސްކޫލަށް ނިކުންނެވީ ކުރިން ޑެޕިއުޓީ ޕްރިންސިޕަލްކަން ކުރެއްވި ލީޑީންގ ޓީޗަރ ޚަދީޖާ އާދަމްއެވެ.

ފުރަތަމަ ހަފްތާ ނިމެންދާއިރު މިހާރު ސްކޫލްގައި ވެރިންގެ ތެރެއިން ތިއްބެވީ ޑެޕިއުޓީ ޕްރިންސިޕަލް އިބްރާހީމް ޢަބްދުﷲ އާއި ލީޑިންގ ޓީޗަރ ޚަދީޖާ އާދަމެވެ.

ވެރިންގެ މަޤާމުގައި ތިއްބަސް ބައިވެރިވެފައިވާ ކޯސްތަކަށް ވަޑައިގަތުމާއި ޞިއްޙީ ޙާލަތު ދަށްވުމާއި ޢާއިލީ ކަންތައް ދިމާވުމަކީ ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަންކަމެވެ. ނަމަވެސް ހައެއްކަ ސަތޭކަ ދަރިވރުން ތަޢުލީމު ޙާޞިލްކުރާ ސްކޫލެއް ބަންދަކަށްފަހު ހުޅުވޭ މުހިއްމު ވަގުތުގައި ވެރިންގެ ތެރެއިން ގިނަ ބަޔަކު އެއްފަހަރާ މިފަދައިން ޗުއްޓީ ނުވަތަ ސަލާން ނުވަތަ ރަސްމީ ބޭނުމުގައިވެސް ވަޑައިގަތުމަކީ ސުވާލުތަކެއް އުފެދޭނެ ކަމެކެވެ. ހަމަ ޔަޤީނުންވެސް ސްކޫލްގެ ހިނގުމާއި، ދަރިވަރުންނަށް ދެވޭ ތަޢުލީމުގެ ޙަރަކާތްތަކަށް އޭގެ ހިޔަނި އެޅި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއްކަން ޔަޤީނެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger