adbanner

adbanner
Home » , , » ރޯދަމަސް ނިމުމުން އަޅުކަންތަކާ ދުރަށް ދާނީތަ

ރޯދަމަސް ނިމުމުން އަޅުކަންތަކާ ދުރަށް ދާނީތަ

Sunday, August 11, 2013 | 11:39 PM


މިއަހަރުގެ ރޯދަމަސް ނިމުނީއެވެ. ދުނިޔޭގައި ތިބިއްޔާ ދެން ރޯދަމަހެއް ލިބޭނީ އަހަރެއް ފަހުންނެވެ. ރޯދަމަހަކީ ހެޔޮކަމާއި ސަވާބުގެ ޚާއްޞަ މޫސުމަކަށްވިޔަސް، ރޯދަމަސް ނިމުމުންވެސް ހެޔޮކަން ނިމުނީއެއްނޫނެވެ. އަދި އަޅުކަންކުރުން ހުއްޓާލަންވީއެއް ނޫނެވެ. ރޯދަމަސް ނިމިދިޔަޔަސް ހެޔޮކަން އެދޭ މީހަކަށް އެ ފުރުޞަތު އޮތީ ހުޅުވިފައެވެ.

ފުރަތަމަވެސް މިއޮތީ ހަ ރޯދައެވެ. ރޯދަމަސް ނިމި ފިޠުރު ޢީދުގެ އެންމެ ދުވަހަކަށްފަހު ފާއިތުވެގެން މިދާ ދުވަސްކޮޅަކީ ޝައްވާލުމަހުގެ ސުންނަތްކަންގަދަ ހަ ރޯދައިގެ ޚާއްޞާ ހަ ދުވަހެވެ. ވީމާ، މި ހަ ދުވަހު ރޯދައަށް ހުރުމަކީ ހެޔޮކަމާއި ސަވާބު އެދޭމީހާ އޮތް ޚާއްޞަ ފުރުޞަތެކެވެ.

މީގެ އިތުރުންވެސް މެދު ފޮއި ރޯދައާއި ހޯމަ ބުރާސްފަތި ދުވަހުގެ ރޯދައަކީ ސުންނަތް ރޯދައިގެ ޚާއްޞަ ފުރުޞަތުތަކެވެ. އަދި ޢަރަފާތު ދުވަސް ނުވަތަ ޙައްޖު މަހުގެ 9 ވަނަ ދުވަހަކީވެސް ސުންނަތް ރޯދައިގެ ވަރަށް ޚާއްޞަ ދުވަހެކެވެ. އެދުވަހުގެ ރޯދައަކީ އޭގެ ފުރިހަމަ ޝަރުޠުތަކާއެކު ހިފައިފިނަމަ ފާއިތުވެ ދިޔަ އަހަރާއި ކުރިއަށް އޮތް އަހަރާ މި ދެއަހަރުގެ ރޯދައިގެ ސަވާބު ލިބޭނެ ދުވަހެއް ކަމުގައި ވާރިދުވެފައިވެއެވެ.

އެހެންކަމުން ރޯދަމަސް ނިމުނަސް ރޯދައިގެ ފުރުޞަތު ބަންދެއް ނުވެއެވެ. ސުންނަތް ރޯދައިގެ ފުރުޞަތު އޮތީ ހުޅުވާލެވިފައެވެ. ވީމާ، ރޯދަމަސް ނިމިފައިވިޔަސް ވީހާ ގިނައިން ސުންނަތް ރޯދަ ހިފުމުގައި ސާބިތުވެތިބެމާ ހިނގާށެވެ. ރޯދައިގެ މާތް އަޅުކަމާ ދުރަށް ނުދަމާ ހިނގާށެވެ.

ރޯދައިގެ އިތުރުންވެސް ﷲ ގެ މަގައި ހޭދަކުރުމާއި، ފަރުޟު ފަސްނަމާދުގެ އިތުރުން ރަވާތިބު ސުންނަތް ތަކާއި، ދަމު ނަމާދާއި ގިނަގިނައިން ޤުރުއާން ކިޔެވުމާއި މިފަދަ އަޅުކަންތައްތަކަކީވެސް ހެޔޮ ދަރުމައާއި ސަވާބު ލިބެނިވި މަގުތަކެވެ. ފުރުޞަތު ތަކެވެ. އެހެންކަމުން މިއަދުވެސް މާދަމާވެސް އަނެއްދުވަހުވެސް، ދެން އަންނަ ރޯދަމަހެއް ލައިގަންނާންދެންވެސް މިފަދަ ހުރިހާ ހެޔޮ ޢަމަލުތަކެއްގެ މަތީގައި ސާބިތުވެ ތިބެންވީއެވެ. 

ހަނދާން ނައްތާ ނުލައި އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ ރޯދަމަސް ނިމުމުންވެސް ސުންނަތް ރޯދަ ހިފުމާއި، ދަމު ނަމާދުކުރުމާއި، ގިނައިން ޤުރުއާން ކިޔެވުމާއި ހެޔޮ ޢަމަލުތައް ކުރުން މަތީ ދެމި ހުރުމަކީ ރޯދަމަހު ހިފި ރޯދަ ޤަބޫލު ވެވިއްޖެ ކަމުގެ ޢަލާމާތެއް ކަމުގައި ބެލެވޭނެ ކަމެކެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger