adbanner

adbanner
Home » , , » ލައިލަތުލް-ޤަދްރި ހޯދޭނެތަ

ލައިލަތުލް-ޤަދްރި ހޯދޭނެތަ

Saturday, August 3, 2013 | 11:30 PM


މިރެއަކީ މި ބަރަކާތްތެރި ރޯދަމަހުގެ 27 ވިލޭރެއެވެ. ރޯދަމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެކެވެ. ލައިލަތުލް-ޤަދްރި ވިލޭރެއަކީ ރޯދަމަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއް ކަމަށް ނަބަވީ އިރުޝާދުންނާއި އެހެނިހެން ދީނީ މަޢުލޫމާތު ތަކަށް ބަލާއިރު ސާފުވެއެވެ. ލައިލަތުލް-ޤަދްރި ވިލޭރެއާ ބެހޭގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވުނަސް އެންމެ ޞައްޙަގޮތް ކަމަށް އެނގެން އޮތީ މިގޮތެވެ.
ނަމަވެސް ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ކަންކުރަމުން އަންނަނީ އެހެން ގޮތަކަށެވެ. ލައިލަތުލް-ޤަދްރި ވިލޭރެއަކީ ރޯދަމަހުގެ 27 ވިލޭރޭކަން ދޭހަވާފަދަ ގޮތަކަށް އެރެއަށް ވަކިން އިތުރު ސަމާލުކަމެއް، ޚާއްޞަކަމެއް ދީފައިވާތީ ފެނެއެވެ. މިހާރަކަށް އައިސް ދީނީ ހޭލުންތެރިކަން އިތުރުވުމާއި ގުޅިގެން މިކަން ވަރަށް ބޮޑަށް ކެނޑިފައިވިޔަސް އަދިވެސް އެގޮތަށް ދެކޭ މަދު ބަޔަކު އުޅެފާނެއެވެ. ނަމަވެސް އެރެއަކީ ވަކި ރެއެއްކަމަށް ބެލޭކަށް ނެތެވެ. އެހެނީ އެއީ މި އުއްމަތަށް ވަންހަނާ ކުރައްވާފައިވާ ކަމަކަށްވާތީއެވެ. އެހެންކަމަށްވެއްޖެއްޔާ ދެން ލައިލަތުލް-ޤަދްރި ހޯދާނީ ކިހިނެއްހެއްޔެވެ؟
ލައިލަތުލް-ޤަދްރި ހޯދުމަށް ނުވަތަ އެރޭގެ ހެޔޮކަން ހޯދުމަށް އޮތް އެންމެ މޮޅުގޮތަކީ ރޯދަމަހުގެ ހުރިހާ ރެއެއްގައި ހީވާގިވެ އަޅުކަމުގައި އުޅުމެވެ. ވަކިން ޚާއްޞަކޮށް ފަހުދިހައިގެ ރޭތަކެވެ. އެއަށްވުރެވެސް ޚާއްޞަކޮށް ފަހުދިހައިގެ އޮނަހިރި ރޭތަކެވެ. ފަހުދިހައިގެ ހުރިހާ އޮނަހިރި ރެއެއްގައި ލައިލަތުލް-ޤަދްރި ވިލޭރޭގެ ހެޔޮކަމަށް އެދި އިޙްސާންތެރިކަމާއި ތަޤްވާވެރިކަމާއެކު ޤާއިމްވެ ހުރެއްޖެ މީހާއަށް އިރާދަކުރެއްވިއްޔާ الله سبحانه وتعالى ގެ ހެޔޮ ރަޙްމަތް ފުޅާއެކު ލައިލަތުލް-ޤަދްރި ލިބުމުގެ ނަސީބު ލިބޭނެއެވެ.
ލައިލަތުލް-ޤަދްރި ވިލޭރޭ ކިޔުމަށް އޮތް އެންމެ ރަނގަޅު ދުޢާއަކީ اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي މި ދުޢާ ކަމަށް ވާރިދުވެފައިވެއެވެ. މި ދުޢާގެ މާނައަކީ "އޭ ﷲ އެވެ. އިބަރަސްކަލާނގެއީ ޢަފޫކުރައްވާ ރަސްކަލާނގެއެވެ. އަދި އިބަރަސްކަލާނގެ ޢަފޫކުރެއްވުމަށް ލޯބިވެވޮޑިގެންވެއެވެ. ފަހެ، މިއަޅާއަށް ޢަފޫކުރައްވާނދޭވެ. (ފާފަ ފުއްސަވާނދޭވެ)" މިއެވެ. ވީމާ، ލައިލަތުލް-ޤަދްރި އެދިގެން ޤާއިމްވެ ހުންނަ މީހާ އިޚްލާޞްތެރިކަމާއެކު މި ދުޢާ ގިނަގިނައިން ކުރުން ހުއްޓެވެ. الله سبحانه وتعالى ގެ ޙަޟްރަތުން ދަރުމައާއި ސަވާބަށް އެދި އިޙްސާންތެރިކަމާއެކު ލައިލަތުލް-ޤަދްރި ވިލޭރޭ އަޅުކަމުގައި ޤާއިމްވެ ހުރެއްޖެ މީހާގެ އިސްވެގޮސްފައިވާ އެންމެހާ ފާފަތައް ފޮހެވޭނެކަމުގައިވެސް ވާރިދުވެފައިވެއެވެ. އަދި ލައިލަތުލް ޤަދްރި ވިލޭރޭއަކީ 1000 މައްސަރަށްވުރެ ހެޔޮވެގެންވާ ރެއެއްކަމުގައި ކީރިތި ޤުރުއާނުގައި ވަނީ އަންގަވާފައެވެ. 1000 މައްސަރަކީ 83 އަހަރާއި 4 މަހެވެ. ވީމާ ހުރިހާ މުސްލިމުން މިދުވަސްކޮޅު އިތުރަށް ހީވާގިވެ ހެޔޮކަމުގެ ތިލަފަތަށް ބަރުކޮށްލުމަށް ލިބިފައިވާ މި ރަނުގެ ފުރުޞަތު ނަގާނުލައި އިޚްލާޞްތެރިކަމާއެކު ބޭނުންހިފުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި އެންމެހާ މުސްލިމު އަޚުންނާއި އުޚުތުންނަށް ނަޞޭޙަތްތެރިވެ ގޮވާލަމެވެ.

މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger