adbanner

adbanner
Home » » ލިލަކްގޭ އާދަނުބެ (ދޮންފާތުމާގެ އާދަނު) ނިޔާވެއްޖެ

ލިލަކްގޭ އާދަނުބެ (ދޮންފާތުމާގެ އާދަނު) ނިޔާވެއްޖެ

Tuesday, August 6, 2013 | 3:08 PM

ޅ.ހިންނަވަރު ލިލަކް އާދަމް އިބްރާހީމް (ޢާއްމުކޮށް ކިޔައި އުޅޭގޮތުން ނަމަ ދޮން ފާތުމާގެ އާދަނު ނުވަތަ މޮޅު އާދަނު) ރޭ ފަތިހު ނިޔާވެއްޖެއެވެ.

އާދަނުބެ ނިޔާވީ ބަލިވެގެން ރަށު ޞިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މާލެ ގެންގޮސް މާލޭގައި ފަރުވާ ދެމުން ދަނިކޮށެވެ. ނިޔާވީ ފަތިހު ބަންގި ގަޑީގައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އާދަނުބެ ހިންނަވަރު ޞިއްޙީ މަރުކަޒަށް ގެންދެވުނީ ލަހިގަނޑެއް އަރައިގެން ކަމަށާއި މާލެ ގެންދަން ޞިއްޙީ މަރުކަޒުން ލަފާދެއްވާފައިވާކަން އެނގިފައިވެއެވެ. އަދި އޭގެ ދެދުވަހެއް ފަހުން އާދަނުބެ މާލެ ގެންދެވުނީ އިއްޔެ ދެގަޑިބައި ހާއިރު ފުރި ލޯންޗަކުންނެވެ.

އާދަނުބެގެ ޢުމުރުން ދުވަސްވެފައިވިޔަސް ޢުމުރުން ދުވަސްވެ މުސްކުޅި ބަލީގެ ބަލިކަށިކަން ފިޔަވައި ޢާއްމުކޮށް ޙާލު ރަނގަޅު ކަމަށް ޢާއިލާގެ ފަރާތުން ބުންޏެވެ. އަދި މީގެ ތިން ހަތަރު ދުވަސް ކުރިން ކުއްލިއަކަށް ބަލިވުމާ ހަމައަށްވެސް ކޮންމެވެސް ވަރަކަށް ކުދިކުދި މަސައްކަތް ކޮށްލާ އުޅޭ ކަމަށް އާދަނުބޭގެ ދަރިފުޅު ސަޢީދު އާދަމް ބުންޏެވެ.

އާދަނުބެ ވަޅުލާފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު މާލޭ އާސަހަރާގައެވެ.

އާދަނުބެއަކީ ހިންނަވަރުގައި އުފެދުނު އެންމެ މޮޅު އެއް ކެޔޮޅެވެ. ޢުމުރުގެ ޒުވާންދުވަސްވަރު މުޅިންހެން ހޭދަކޮށްފައިވަނީ މަސްވެރިކަމުގައެވެ. އަދި އޭގެ އިތުރުންވެސް އާދަނުބެއަކީ މޮޅު މަސައްކަތްތެރިއެކެވެ. އަދި ތަފާތު ފަންނުގެ ހުނަރުވެރިއެކެވެ. މަސްވެރިކަން ކުރަމުންވެސް ލިބޭ ހުސްވަގުތުގައި ތަފާތު ގެވެހި އާލާތްތައް ހަދާ އުޅެއެވެ. އަދި ކުރެހުމާއި މަޒްމޫނުފަދަ އެއްޗެހި ލިޔުމަކީވެސް އާދަނުބެއަށް ލިބިފައިވި ހުނަރެކެވެ.

މާތް ﷲ އާދަނުބެގެ ފާފަ ފުއްސަވައި، ރަޙްމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ލަހައްޓަވާށިއެވެ. އާމީން. އަދި އާދަނުބޭގެ ޢާއިލާއަށް ތަޢުޒިޔާ ކިޔައި ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.

އާދަނުބެ ނިޔާވިއިރު ދުނިޔޭގައި އާދަނުބޭގެ އަންހެނުންނާއި 8 ދަރިން އެބަ ތިއްބެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger