adbanner

adbanner
Home » » މަރުޙަބާ ހުޝާމް

މަރުޙަބާ ހުޝާމް

Wednesday, August 7, 2013 | 1:55 PM

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ރައީސްކަމަށް ހުޝާމް މުޙައްމަދު، ހިރިގާ/ޅ.ހިންނަވަރު (ކުޑަދޮންބޭގެ ހުޝާމް) ހޮވުމާއި ގުޅިގެން ހުޝާމަށް މަރުޙަބާ ކިޔަމެވެ.

ހުޝާމް މި މަޤާމަށް ހޮވުނީ އެ މަޤާމަށް ވާދަކުރެއްވި ޢަބްދުﷲ ޝިނާން އާއި ވާދަކޮށް 10 ވޯޓުންނެވެ. ޢަބްދުﷲ ޝިނާނަށް ލިބުނީ 5 ވޯޓެވެ.

މީޑިޔާ ރައީސްކަމުގެ މަޤާމަށް ހޮވުމުގެ ކުރިންވެސް ހުޝާމް ހުންނެވީ އެ ކައުންސިލްގެ ނައިބް ރައީސްކަމުގައެވެ. އެއީ މިއަހަރުގެ ޖެނުއަރީ އިން ފެށިގެންނެވެ. މިއަދު ރައީސްކަމަށް ހުޝާމް ހޮވުނުއިރު ނައިބްރައީސްކަމުގައި ހަމަހަށްވުރެ ގިނަދުވަސް ހޭދަކޮށްފައިވެއެވެ.

ހުޝާމަކީ ނޫސްވެރިކަމުގެ ދާއިރާގައި ވަރަށް ގިނަ ދުވަސްވަންދެން މަސައްކަތްކުރައްވައި ގިނަ ތަޖްރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. 2005 ވަނަ އަހަރު ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުމާއި މީޑިޔާގެ މިނިވަންކަން ބޮޑުވެ ފުޅާވެގެން އައި ދުވަސްވަރު މިނިވަން މީޑިއާއެއް ޤާއިމްކުރުމުގައި އެންމެ އިސް ރޯލެއް އެދުވަސްވަރު އަދާކުރި މިނިވަން ނިއުސްގައި އޭރު މުހިއްމު ދައުރެއް ހުޝާމްވަނީ އަދާކުރައްވާފައެވެ. އޭގެ ފަހުން މަޝްހޫރު ދުވަހު ނޫސް ހަވީރުގެ ދަށުން ހިންގި އެޗް.އެފް.އެމްގެ ނިއުސް އެންޑް ކަރަންޓް އެފެއަރޒް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައި އެ ޗެނަލަށާއި ހަވީރު ނޫހަށް ނުހަނު ޚިދުމަތް ކުރެއްވިއެވެ. އަދި ހާމަ ޑެއިލީ ދުވަހު ނޫހުގެ ސީއީއޯ ގެ މަޤާމްވެސް ފުރުއްވާފައިވެއެވެ. މި މަޤާމްތަކުގައި ހުންނަވައި މީޑިއާގެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވުމަކީ ހުޝާމްގެ މައިގަނޑު މަސައްކަތް ކަމުގައި ދެންނެވިދާނެއެވެ.

2008 ވަނަ އަހަރު ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ބޮޑެތި ބަދަލުތަކަށްފަހު ހުޝާމް ދެން ފެނިގެން ދިޔައީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މީޑިއާ އޮފީހުންނެވެ. އެ އޮފީހުގައި ކޮމިއުނިކޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، ދެން ޚިދުމަތް ކުރެއްވީ މީޑިއާ ކޯޑިނޭޓަރގެ ގޮތުގައެވެ. މި މަޤާމްގައި ހުންނަވައި ސަރުކާރުން މީޑިއާ ދެމެދު މީޑިއޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ސަރުކާރުން މީޑިއާއަށް ޚަބަރުދިނުމާއި ޕްރޮގްރާމް ތައްޔާރުކުރުމުގެ މުޅި މަސައްކަތް ވިލަރެސްކޮށް ކޯޑިނޭޓްކޮށް ބެލެހެއްޓުމުގެ އެންމެ ބޮޑު ޒިންމާ އުފުއްލެވިއެވެ.

މީޑިއާ ކައުންސިލްގެ މެމްބަރަކަށް ވުމާއި ހަމައަށް ހުޝާމް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިނިވަން ނިއުސް ގްރޫޕް "މިނވަން މީޑިއާ" ގެ ސީއީއޯގެ މަޤާމުންނެވެ.

ހުޝާމް ވިދާޅުވާ ގޮތުގައި މި މަޤާމާ ޙަވާލުވާން މި ދިމާވީ ޤައުމު ވަރަށް ނާޒުކު ފައްތަރެއްގައި ވާ ވަގުތެއްގައެވެ. އަދި މީޑިއާއަށްވެސް އެހާމެ ބޮޑު ގޮންޖެހުމެއް ކުރިމަތީގައި އޮތް ވަގުތެއްގައެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ ކަންތައްތަކުގައި މީޑިއާގެ ދައުރު ރަނގަޅަށް އަދާކުރުވުމާއި، އިންތިޚާބު ނިމި ޤައުމުގެ ކަންކަން ހަމައަކަށް އެޅެންދެންވެސް މީޑިއާގެ ބެލެނިވެރި ފަރާތުގެ ގޮތުގައި މީޑިއާ ކައުންސިލުން އަދާކުރަންޖެހޭ ވާޖިބު އަދާކުރުމުގައި ސާބިތުކަމާއެކު ހުންނަވާނެ ކަމުގައިވެސް ހުޝާމް ވިދާޅުވިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލަކީ މީޑިއާގެ މައްސަލަތައް ބަލައި އެ މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދައިދިނުމަށާއި ޒިންމާދާރު ޕްރޮފެޝަނަލް މީޑިއާއެއް ގާއިމުކުރުމަށްޓަކައި އެކުލަވާލެވިފައިވާ ކައުންސިލެކެވެ. ކައުންސިލުން މައްސަލަތައް ބެލުމުގައި ބަލާނީ ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑަށެވެ. މި ކައުންސިލްގައި ޖުމްލަ 15 މެމްބަރުންތިބޭއިރު، އެއީ މީޑިޔާގެ 8 މެމްބަރުންނާއި ޢާއްމުންގެ 7 މެމްބަރުންނެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger