adbanner

adbanner
Home » , » ގަދަ 10 ގެއްލި އޭލެވެލް ނަތީޖާ ބޮޑު ޝޮކަކަށް

ގަދަ 10 ގެއްލި އޭލެވެލް ނަތީޖާ ބޮޑު ޝޮކަކަށް

Sunday, September 29, 2013 | 8:13 PM

ގްރޭޑް 12 ނިންމައި، މިއަހަރު މޭ/ޖޫން ގައި ބޭއްވުނު އޭލެވެލް އިމްތޙާނުގައި ޅ.އަތޮޅު ތަޢުލީމީ މަރުކަޒުން ބައިވެރިވި ދަރިވަރުންގެ ނަތީޖާ އުއްމީދުކުރެވިފައިވާ ގޮތާ ޚިލާފަށް ނިކުމެ ބޮޑު ޙައިރާންކަމެއް ލިބިއްޖެއެވެ.

މިފަހަރުގެ ނަތީޖާގައި އެއްވެސް ދަރިވަރަކަށް ޤައުމީ ފެންވަރުގައި ގަދަ 10ވަނައިގައި ލައްވާލާފައެއް ނުވެއެވެ. އެންމެ މަތީ ނަތީޖާ ލިބުނު ދަރިވަރަށް 46 ޕޮއިންޓް ލިބި، ގަދަ 10 އިން ކަޓާފައިވަނީ އެންމެ ޕޮއިންޓަކުންނެވެ. އަދި އޭލެވެލް އިމްތިޙާނުގައި މީގެ ކުރިން ހޯދާފައިވާފަދަ އެހެން ޚާއްޞަ ނަތީޖާއެއްވެސް މިފަހަރު ލިބިފައެއް ނުވެއެވެ.

ޅ.އަތޮޅު ތަޢުލީމީ މަރުކަޒުން އޭލެވެލް އިމްތިޙާނުގައި ބައިވެރިވާތާ 8 އަހަރުވެފައިވާއިރު، މިހާތަނަށް ދެފަހަރެއް ފިޔަވައި އެހެން ހުރިހާ ފަހަރެއްގައި ގަދަ 10 ގައި ހިމެނިފައިވެއެވެ. އޭގެ ތެރޭގައި ފާއިތުވި ދެ އަހަރުވެސް ގަދަ 10 ގެ ނަތީޖާ ހޯދާފައިވެއެވެ.

ޤައުމީ ފެންވަރުގައި ގަދަ 10 ގެ ނަތީޖާ ހޯދުމުގެ އިތުރުން އިސްލާމް އިން މުޅި ރާއްޖޭން 1 ވަނަ ހޯދުމާއި، އެޑެކްސެލް އައުޓްސްޓޭންޑިން ޙާޞިލްކުރުމާއި، މާއްދާތަކުގެ ބައެއް ޔުނިޓުން ފުލް މާކްސް ހޯދުންފަދަ ފަޚުރުވެރި ކާމިޔާބީތައް މީގެ ކުރިންވަނީ ދަރިވަރުން ހޯދާފައެވެ.

އޭލެވެލް އިމްތިޙާނުގެ މާޒީގައި މިފަދަ ރީތި ނަތީޖާ ހޯދާފައިވިޔަސް، މިފަހަރުގެ ނަތީޖާއަކީ ޙައިރާން ކުރުވަނިވި ނަތީޖާއެކެވެ. ގަދަ 10ގެ ނަޞީބު ގެއްލުމުގެ އިތުރުން، ދަރިވަރުންގެ ނަތީޖާވެސް އެހާ ރަނގަޅޭ ދެންނެވޭކަށް ނެތެވެ. އޭލެވެލްއާއި އެޗްއެސްސީ އިމްތިޙާނުގައި ދެ ސްޓްރީމުން ބައިވެރިވި ޖުމްލަ 21 ދަރިވަރުންގެ ނަތީޖާއަށް ބަލާލުމުން ފެންނަނީ ހަމަ އެންމެ ދެ "އޭ" ރިޕޯޓެވެ. އެއީ އެއް ދަރިވަރަކަށް އިސްލާމުން ލިބުނު އޭ ރިޕޯޓަކާއި އަނެއް ދަރިވަރަކަށް އެކައުންޓުން ލިބުނު އޭ ރިޕޯޓެކެވެ. މި ދަރިވަރުންނަކީ ގަދަ 10 ގެ ނަތީޖާ ހޯދާނެކަމަށް  ބެލެވިފައިވާ ދަރިވަރުންނެވެ. އަދި މީގެ ތެރެއިން އެއް ދަރިވަރަކީ އޯލެވެލް އިމްތިޙާނުން ގަދަ 10 ގައި ހިމެނިފައިވާ، ނަތީޖާ ރަނގަޅު ދަރިވަރެކެވެ.

އަދި މީގެ އިތުރުން ގްރޭޑް 11 ގައި ކިޔެވުމަށްފަހު ދަރިވަރުން ބައިވެރިވާ އޭ.އެސް (ނުވަތަ އެޑްވާންސް ސަބްސިޑަރީ) އިމްތިޙާނުގައި ބައިވެރިވި ގްރޭޑް 11 ގެ ދަރިވަރުންގެ ތެރެއިން އެއް ކުއްޖެއް ފިޔަވައި ލިބިފައިވާ ނަތީޖާ ވަރަށް ދަށް ކަމުގައި ފާހަގަކުރެވެއެވެ. އޯލެވެލް އިމްތިޙާނުން 8 މާއްދާއިން "އޭ" ހޯދައި މުޅި ރާއްޖެއިން ގަދަ 10 ގެ އެއްވަނަ ހޯދާފައިވާ މި ދަރިވަރަށް ދެ "އޭ" ރިޕޯޓާއި "ބީ" ރިޕޯޓެއް ލިބިފައިވެއެވެ. ދެން ތިބި ދަރިވަރުންނަށް އޭއެސް އިމްތިޙާނުން މަދުމަދުން "ސީ" ރިޕޯޓާއި "ޑީ" ރިޕޯޓް ހުރިއިރު ގިނައިން ފެންނަންހުރީ "އީ" އަދި އެއަށްވުރެ ގިނައިން "ޔޫ" ރިޕޯޓެވެ.

އޭލެވެލް އިމްތިޙާނުގެ ނަތީޖާ ލިބި ސްކޫލްތަކަށް ދޫކޮށްފައިވީ ނަމަވެސް މިފަހަރުގެ ނަތީޖާ ޅ.އަތޮޅު ތަޢުލީމީ މަރުކަޒުން ގިނަ ދުވަސްތަކެއް ވާންދެން ގެންގުޅެފައިވަނީ ވަރަށް ސިއްރުކޮށްގެންނެވެ. ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލުންނަށާއި ލީޑިންގ ޓީޗަރުންނަށްވެސް ނާންގައި ނަތީޖާ ގެންގުޅުނީ ހަމައެކަނި އެކަކު ނުވަތަ ދެމީހެއްގެ އަތުގައި ފޮރުވައިގެންނެވެ. އަދި އޭލެވެލް ކިޔަވައިދެއްވާ ޓީޗަރުންނާ، އަދި ސްކޫލްގެ އެހެނިހެން ސީނިއަރ ބޭފުޅުންނަށްވެސް ނާންގައި އެނަލިސިސްއެއްވެސް އެނގުމުގެ ފުރުޞަތު ނުދީ މި ނަތީޖާ ގެންގުޅެފައިވެއެވެ. ޓީޗަރުންނަށް ވަކިވަކި ދަރިވަރުންގެ ފަރާތުން ނަތީޖާ އެނގެމުން އައިސް އެތައް ދުވަހެއް ވީފަހުން ސްކޫލްގެ ކަމާބެހޭ އެހެނިހެން މުވައްޒަފުންނަށް ނަތީޖާގެ މަޢުލޫމާތު ލިބުނީ އަދި މީގެ ދެތިންދުވަސް ކުރިން ކަމަށް ވެއެވެ.

ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޭލެވެލްގެ ނަތީޖާ މިހިސާބަށް ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި ގްރޭޑް 11 ގެ ދަރިވަރުންގެ އޭ.އެސް. ނަތީޖާ ދައްކާގޮތުން، މިއީ މި ދަރިވަރުން ގްރޭޑް 12 ކިޔަވައި އޭލެވްލް އަށް ތައްޔާރުވާއިރު ވިސްނަންޖެހޭ މައްސަލައެކެވެ. ހަމައެކަނި ދަރިވަރުންނެއް ނޫނެވެ. ސްކޫލާއި ބެލެނިވެރިންވެސް މިކަމުގައި ވިސްނައި، ފާލުން ނައްޓާފައިވަނީ ކޮންކަމެއްތޯ ބަލައި އިޞްލާޙުކުރަންޖެހިފައިވާ ސީރިއަސް ކަމެކެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger