adbanner

adbanner
Home » , » ދެވަނަ ބުރުގެ ކެމްޕޭން ދެފަރާތުންވެސް މަޑުޖައްސާލާފައި

ދެވަނަ ބުރުގެ ކެމްޕޭން ދެފަރާތުންވެސް މަޑުޖައްސާލާފައި

Friday, September 20, 2013 | 3:28 PM

މިފަހަރުގެ އިންތިޚާބަށް ކެމްޕޭންކުރުމަށް ހިންނަވަރުގައި ހުޅުވާފައިވާ އެމްޑީޕީގެ ޖަގަހައަކާއި އާއި ޕީޕީއެމްގެ ޖަގަހަ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އެމްޑީޕީން ރައީސް ނަޝީދުއާއި ޕީޕީއެމް އިން ޔާމީން ވަނީ ހޮވިފައެވެ. ދެފަރާތުންވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ދެވަނަ ބުރަށް ކެމްޕޭންގެ ޙަރަކާތްތައް ކުރިއަށް ދާތަން ފެނެއެވެ. ނަމަވެސް ދެވަނަ ބުރުގެ ކެމްޕޭންގެ މާބޮޑު ހަރަކާތްތަކެއް ހިންނަވަރުން އަދި ފެންނާކަށް ނެތެވެ. ދެވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުންގެ ފަރާތުންވެސް ހިންނަވަރުގައި އަދި އޮތީ ކެމްޕޭން މަޑުޖައްސާލާފައެވެ.

ފުރަތަމަ ބުރުން 45 ޕަސެންޓާއެކު އެއްވަނަ ހޯދި އެމްޑީޕީގެ ކެމްޕޭން ވެސް އަދި ފެނިގެންދަނީ ވަރަށް ވަނދުކޮށެވެ. ދެވަނަ ބުރަށް ކެމްޕޭނަށްވާކަހަލަ އެއްވެސް ކަމެއް ހިންނަވަރުގައި އަދި ނުހިނގައޭވެސް ދެންނެވިދާނެއެވެ. ކެމްޕޭނަށް ތައްޔާރުކުރި ޖަގަހަތަކަށް ކޮންމެ ދުވަހަކުވެސް ބައެއް މީހުން އައިސް އުޅެއެވެ. އަދި ލަވަޖަހާ ހަދައެވެ. ނަމަވެސް "ކުރިއަށް ކުރިއަށް، ބާރަށް ކުރިއަށް" ކެމްޕޭން ގެންދާތަން އަދި ފެންނާކަށް ނެތެވެ. ޑޯރ-ޓު-ޑޯރ ކެމްޕޭނެއްގެ ތެރެއިން ދެވަނަ ބުރުގެ ކެމްޕޭން ފޯރިއާއެކު ފެށުމަށް ތައްޔާރުވަމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޕީޕީއެމްގެ ހިންނަވަރު ގޮފިންވެސް ބުނެފައިވަނީ މިވަގުތު އަދި ދެވަނަ ބުރަށް ކެމްޕޭން ކުރުމުގެ ޚާއްޞަ ޙަރަކާތްތަކެއް ނުހިންގާކަމުގައެވެ. އެހެންނަމަވެސް ދޮރުން ދޮރަށް ހިނގައި ކެމްޕޭންކުރާތަން މިހާރުވެސް ކޮންމެވެސް ވަރަކަށް ފެނެއެވެ. އަދި ކޮންމެ ދުވަހަކުވެސް މީހުން ޖަގަހަ ހުޅުވައެވެ.

ކެމްޕޭންގެ ފޯރި މިވަގުތު ހިންނަވަރުގައި ނެތަސް ވަރަށް އަވަހަށް އެކަން ފެށިދާނެކަމަށް ބެލެވެއެވެ. ސަބަބަކީ ވޯޓުނެގުމަށް ކުޑަތަންވަމުން އައުމާއި އިންތިޚާބާ ގުޅޭ މައްސަލަތައް ކޯޓުން ނިމި ދެވަނަ ބުރު ތާވަލާ އެއްގޮތަށް ދާނެކަމުގެ ސިގުނަލްތައް މިހާރު ލިބެމުންދާތީއެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger