adbanner

adbanner
Home » , , » ރައީސްކަމަށް ހޮވިއްޖެނަމަ ހިންނަވަރަށް ކޮން މޮޅެއް

ރައީސްކަމަށް ހޮވިއްޖެނަމަ ހިންނަވަރަށް ކޮން މޮޅެއް

Friday, September 6, 2013 | 5:00 PM


ރިޔާސީ އިންތިޚާބު ހިންނަވަރަށް މުހިއްމުވަނީ ކީއްވެހެއްޔެވެ. ރާއްޖޭގެ ރައީސަކަށް ވަޑައިގަންނަވާ ބޭފުޅެއްގެ ސަބަބުން ހިންނަވަރަށް އޮތީ ކޮން މޮޅެއް ހެއްޔެވެ. ނުވަތަ އެބޭފުޅެއްގެ ވަޢުދުތަކުގެ ތެރެއިން ހިންނަވަރަށް ޚާއްޞަ ކަމެއް ވޭ ހެއްޔެވެ.

ކޮންމެ ކެންޑިޑޭޓަކުވެސް ވަޢުދުވަމުން ދަނީ ރާއްޖޭގެ ތަރައްޤީއަށް ކަމަށްވާތީ އެ ކޮންމެ ކަމެއްގެ ތެރެއިން ހިންނަވަރަށް ފައިދާ ކުރާނެއެވެ. ކޮންމެ އަތޮޅެއްގައި އެއާޕޯޓެއް އަޅާ ސިޔާސަތުގެ ދަށުން ޅ.އަތޮޅުގައި އެއާޕޯޓް އެޅުމުން ހިންނަވަރަށް ފައިދާ ވާނެއެވެ. ކޮންމެ ރައްޔިތަކަށް ލިބޭ 5000 ރުފިޔާގެ ޙިއްޞާއަކީ އޭގައި ހިންނަވަރު ރައްޔިތުންވެސް ޝާމިލުވާނެ ކަމެކެވެ. 65 އަހަރުވުމުން ލިބޭ އެލަވަންސް 5000 ރުފިޔާއަށް ވުމުން ހިންނަވަރުގެ މުސްކުޅިންވެސް އޭގައި ހިމެނެއެވެ. ކިރުތައްޓާއި ދެވައް ދޮންކެޔޮ ބަހާއިރު ހިންނަވަރުގެ ކިޔަވާކުދިންވެސް އެފައިދާ ޙިއްޞާކުރާނެއެވެ. ނަމަވެސް ސީދާ ގޮތުގައި ހިންނަވަރަށް އަމާޒުވާ ވަޢުދުތައް މިފަހަރު ނުހިމެނޭކަން ފާހަގަކުރެވެއެވެ. ރާއްޖޭގެ އެހެން ބައެއް ރަށްރަށަށް ސީދާ އެރަށަކަށް ޚާއްޞަވެފައިވާ ކަމެއް ކޮށްދިނުމަށް ވައުދުވެފައި އެބަ ހުއްޓެވެ. އެހެންކަމުން މިއީ ހިންނަވަރު ރައްޔިތުން ވިސްނާ ފިކުރުކޮށްލަން ރަނގަޅު ކަމެކެވެ.

ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ޢަރަބި އިސްލާމީ ތަޢުލީމުދޭ 4 މަރުކަޒުގެ ތެރެއިން 1 މަރުކަޒުވެސް އައިސް ހުއްޓުނީ ނައިފަރުގައެވެ. މަތީ ތަޢުލީމުގެ ކޮލެޖްގެ ކެމްޕަސްއެއް މިހާރުވެސް ނައިފަރުގައި ހުރެ، ޢަރަބި އިސްލާމީ ތަޢުލީމުދޭ މަރުކަޒުވެސް ހިންނަވަރަށް ފޯރާގޮތެއް ނުވިއެވެ. ޓްރާންޝިޕްމަންޓް ބަނދަރާއި، ބައެއް އެއާރޕޯޓް އިންޓަރނޭޝަނަލްކުރުންވެސް ގޮސް ހުއްޓިފައިވަނީ ރާއްޖޭގައި އަބަދުވެސް އެފަދަ ތަރައްޤީތަކުގެ ނަސީބު ލިބޭ ރަށްރަށަށެވެ. ހިންނަވަރާއި ގާއެރިފަރު ފެލިވަރު މަޑިވަރު އަދި ނައިފަރު ބްރިޖުން ގުޅާލުމުން ހިންނަވަރަށް ފައިދާތަކެއް ވާނެއެވެ. އަދި ފެލިވަރު މަސްކާރުޚާނާ އަޕްގްރޭޑް ކުރުމުންވެސް އެތަނުގައި ވަޒީފާ އަދާކުރާ ހިންނަވަރު މީހުންނަށް ރަނގަޅުގޮތް ތަކެއް ވެދާނެއެވެ. ނަމަވެސް ސީދާ ހިންނަވަރަށް އަމާޒުވާ ވަޢުދުތަކެއް ނެތެވެ.

ވީމާ، ކެމްޕޭންގައި އަވަދިނެތި އުޅޭއިރު، ކެންޑިޑޭޓަށްޓަކައި މަރުދޭއިރު ހިންނަވަރަށް ސީދާ އަމާޒުކުރެވޭ ވަޢުދެއް ކޮށްލަން ކެންޑިޑޭޓަކަށް ނުކެރުނީ، ކީއްވެތޯ ވިސްނާލަން ޖެހެއެވެ. ހިންނަވަރަށް ބޭނުންވާ ކަންތައްތަކެއް ހުރިކަން ކެންޑިޑޭޓުންނަށް ޤަބޫލުކޮށްދޭން ޖެހެއެވެ. މަތީ ތަޢުލީމުގެ ފުރުޞަތެއް، ނުވަތަ ފަންނީ ތަމްރީނުގެ ފުރުޞަތެއް ހިންނަވަރަށްވެސް ބޭނުންވެއެވެ. މަދު ވަޞީލަތްތަކެއް ހުރި ޞިއްޙީ މަރުކަޒުން ލިބޭ ޚިދުމަތްތައް މިހާރަށް ވުރެ ރަނގަޅުވާން ޖެހެއެވެ. ބޭންކުގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅު އިންތިޒާމަކުން ލިބުން އެއީ ކޮންމެހެންވެސް ވާންޖެހޭ ކަމެކެވެ. މިފަދަ އެތައް ކަންތައްތަކެއް ސީދާ ހިންނަވަރަށް މިހާރުވެސް ބޭނުންވެފައިވެއެވެ.

މިއިން އެއްވެސް ކަމެއް ރިޔާސީ ކެންޑިޑޭޓަކަށް ނޭނގުނީ ކީއްވެހެއްޔެވެ. އެއިން ކަމަކަށް ވަޢުދެއް ނުވީ ކީއްވެހެއްޔެވެ. ކެންޕޭންގެ ފަހު ދުވަސްކޮޅު ރިޔާސީ ބައެއް ކެންޑިޑޭޓުންނާއި އޭގެ އިތުރުންވެސް ބައެއް ކެމްޕޭން ވަފްދުތަކުން ޅ.އަތޮޅަށް ކުރި ދަތުރުތަކުގައި ހިންނަވަރަށް ހަމައެކަނި "ޒިޔާރަތެއް" ކޮށްލާފައި ކައިރި އެހެން ރަށްރަށުގައި ބޮޑު ޖަލްސާ ބޭއްވުމުގެ ސިއްރަކީ ކޮބައިބާވައެވެ. ނަންކިޔާފައި އެތައް ރަށަކަށް ކަންކަން ކޮށްދޭން ވަޢުދުވީއިރު ހިންނަވަރުގެ ނަންގަނެފައި ނުވަނީ ކީއްވެބާއެވެ. ކުރުކޮށްލާފައި ބުނާނަމަ މިފަހަރުގެ ރިޔާސީ ރޭހަށް ވާދަކުރާ މީހުން ހިންނަވަރަށް ކަމެއް ކޮށްދޭން ވިސްނާފައި ނުވަނީ ބާއެވެ. ވަކި މިވެނި ކެންޑިޑޭޓަކު މޮޅުވެއްޖެނަމަ ހިންނަވަރަށް އޮތީ ކޮން މޮޅެއް ބާވައެވެ. ވޯޓުލުމުގެ ކުރިން ވިސްނާލައްޗެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger