adbanner

adbanner
Home » , » ފަންނު ޕްރީސްކޫލް މިއަދު ހުޅުވިޔަސް މަދުކުދިންކޮޅަކާއެކު އަދިވެސް ނާޒުކު ފައްތަރެއްގައި

ފަންނު ޕްރީސްކޫލް މިއަދު ހުޅުވިޔަސް މަދުކުދިންކޮޅަކާއެކު އަދިވެސް ނާޒުކު ފައްތަރެއްގައި

Wednesday, September 25, 2013 | 9:30 PM

ފަންނު ޕްރީ ސްކޫލްގެ ޔޫކޭޖީ ކްލާހުގެ ދަަރިވަރުން ތަކެއް ސްކޫލްގެ އިތުރު ޙަރަކާތެއްގައި

ފަންނު ޕްރީ ސްކޫލުގެ ބެލެނިވެރިން ނިކުމެ ސްކޫލްގައި ތަޅުއަޅުވައި ބަންދުކޮށްފައިވަނިކޮށް ސްކޫލް ހުޅުވައި މިއަދު ކިޔަވައިދިނުން ކުރިއަށް ގެންގޮސްފިއެވެ. ނަމަވެސް މިއަދު ކިޔަވައިދިނީ ދެ ކްލާހެއްގެ މަދު ޢަދަދެއްގެ ކުދިންކޮޅަކަށެވެ.

ބޭބީ ނާސަރީ، ނާސަރީ ޔޫކޭޖީ، އަދި އެލްކޭޖީ ޔޫކޭޖީ މި ހަތަރު ކްލާހުގައި ކިޔަވާ ޢުމުރުގެ ޖުމްލަ 140 ވަރަކަށް ދަރިވަރުން ރަށުގައި ތިބި ނަމަވެސް ޕްރީ ސްކޫލުގެ ރަޖިސްޓްރީގައި މިވަގުތު ތިބީ 125 ވަރަކަށް ދަރިވަރުންނެވެ. ސްކޫލުގެ ކަންތައްތައް ބޮއްސުންލައި، ކިޔަވައިދިނުމުގެ ކަންކަމާ ބެލެނިވެރިން ހިތްހަމަނުޖެހޭތީ މި ފަހަކަށް އައިސް ސްކޫލަށް ޙާޟިރުވަމުންދަނީ މަދު ޢަދަދެއްގެ ކުދިންނެވެ. އަދި ބެލެނިވެރިން ނިކުމެ ސްކޫލް ބަންދުކޮށްފައިވަނިކޮށް އަނެއްކާވެސް ހުޅުވައި މިއަދު ކިޔަވައިދިނީ ހަމައެކަނި ނާސަރީއާއި ޔޫކޭޖީ ކްލާހަށެވެ. މިއިން ކޮންމެ ކްލާހަކަށް ޙާޟިރުވީ 7 ކުދިންނެވެ. އެލްކޭޖީއާއި ބޭބީ ނާސަރީގައި ކިޔަވައިދީފައި ނުވެއެވެ. ގިނަ ބެލެނިވެރިން މިހާރުވަނީ ސްކޫލަށް ދަރިވަރުން ފޮނުވުން ހުއްޓާލާފައެވެ.

ހޯމަދުވަހުގެ ރޭ ސްކޫލް ބަންދުކުރުމަށްފަހު އިއްޔެ ބެލެނިވެރިން ކައުންސިލް އިދާރާދޮށަށް އެއްވެފައިވެއެވެ. އަދި އެ ބެލެނިވެރިންނާއި ސްކޫލްގައި ކިޔަވައިދެއްވާ ޓީޗަރުންނާ ކައުންސިލްގެ ރައީސް ބައްދަލުކުރެއްވިއެވެ. ނަމަވެސް ޕްރީސްކޫލް ހިންގަވާ ފަރާތަކީ އަމިއްލަ ފަރާތަކަށްވާތީ ރަށު ކައުންސިލަށް މައްސަލައިގެ ޙައްލު ހޯއްދަވައިދެއްވިފައި ނުވެއެވެ.

ސްކޫލް ހިންގަވާ ބޭފުޅުންނާ ބައްދަލުވުމުން ނޫނީ އެމީހުންގެ ކުދިން ސްކޫލަށް ފޮނުވާކަށް ގިނަ ބެލެނިވެރިން މިހާރު ބޭނުމެއް ނޫނެވެ. ސަބަބަކީ ސްކޫލްގެ ކަންތައްތައް ބޮއްސުންލާފައިވުމެވެ. ދަރިވަރުންނަށް ހުންނަ ފާޚާނާ ބޭނުންކުރެވުނު ކަމުގައި ވިޔަސް، ސްކޫލްގައި ބޯފެން ލިބޭކަށް ނުހުރެއެވެ. މިއަހަރު ފެށުނުއިރު ފެން ކޫލަރެއް ބަހައްޓައިގެން ދުވަސްކޮޅަކު ދަރިވަރުންނަށް ފެން ލިބޭގޮތަށް ހުރި ނަމަވެސް ކުޑަ ދުވަސްކޮޅަކަށްފަހު ފެން ކޫލަރުވެސް ނުބަހައްޓައެވެ. އޭގެ ފަހުން ދަރިވަރުންނަށް ފެން ދެނީ ކިޔަވައިދެއްވާ އާންޓީން ގެންގުޅޭ ފެންފުޅިންނެވެ.

ފަންނު ޕްރީ ސްކޫލްގައި 7 ޓީޗަރުން މިއަހަރު ފެށުނުއިރު ތިބިނަމަވެސް 2 ޓީޗަރުން ވަކިވެފައިވެއެވެ. މިހާރު ތިއްބެވި 5 އާންޓީންގެ ތެރޭގައި ސަލާމާއި ޗުއްޓީގެ މައްސަލަތައްވެސް ގިނައެވެ. ސްކޫލް ހިންގުމުގެ އިސްފަރާތްތައް ރަށުގައި ނެތި ހިންގުން ބޮއްސުންލާފައިވުމާއި ޓީޗަރުންނަށް މުސާރަ ލިބުމުގައި ދަތިތަކެއް ހުންނާތީ ޓީޗަރުންވެސް ކިޔަވައިދިނުމާއި ޙާޟިރުވުމުގައި ފަރުވާކުޑަވެފައިވެއެވެ. ގިނަ ބެލެނިވެރިން ޢާއްމުގޮތެއްގައި ގަވައިދުން ފީ ދައްކަމުން ދިޔަ ނަމަވެސް ސަރުކާރުން ޕްރީ ސްކޫލަށް ދެއްވާ ފައިސާ މިހާރު ނުލިބޭތާ ދެތިންމަސްދުވަސް ވެފައިވާތީ ޓީޗަރުންނަށް މުސާރަ ދިނުމުގައި ދަތިތަކެއް ވެއެވެ. އަދި ބައެއް އާންޓީން ކުރިއަށް އޮތް ތާނގައި ސްކޫލުން ވަކިވާން އުޅޭ އަޑުތައްވެސް ފެތުރިފައިވެއެވެ.

މި ހުރިހާ ސަބަބުތަކާހުރެ މާޔޫސްވެފައިވާ ބެލެނިވެރިން މިހާރު ތިބީ ސްކޫލްގެ އިސް ފަރާތްތަކާ ބައްދަލުވުމަށް ބޭނުންވެފައެވެ. އެ ބެލެނިވެރިންނަށް މިހާރު މަޢުލޫމާތު ލިބިފައިވަނީ މި ހަފްތާގެ ބަންދުގައި އެބޭފުޅުން ރަށަށް ވަޑައިގެން ބެލެނިވެރިންނާ ބައްދަލުކުރައްވާނެ ކަމުގައެވެ. ސްކޫލްގެ އެންމެ އިސް ބޭފުޅަކީ ޙުސައިން ނިޔާޒްއެވެ. ސްކޫލްގެ ޕްރިންސިޕަލްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ނިޔާޒްގެ އަނބިކަނބަލުން ފާޠިމަތު ޝެރިންއެވެ. ޙުސައިން ނިޔާޒްއަކީ ހިންނަވަރު ދާއިރާގެ މަޖްލިސް މެމްބަރ އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ)ގެ ކޮއްކޮއެވެ. ސްކޫލްގެ ކަންތައްތަކާ އެބޭފުޅުން ޙަވާލުވެލެއްވީ އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާ (ޅ.ފެލިވަރުގައި ހިންގި ޕްރޮވިންސް އޮފީސް)ގައި ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ނިޔާޒް މަސައްކަތް ކުރެއްވި ދުވަސްވަރުއެވެ. ނަމަވެސް ފެބްރުއަރީ 7 ގައި އައި ބަދަލުތަކަށްފަހު އެބޭފުޅުންވަނީ ވަޑައިގެންފައެވެ. ނަމަވެސް ރަށު ކައުންސިލްގެ އިދާރާގެ ދަށަށް ނުވަތަ އެހެން ފަރާތަކަށްވެސް ސްކޫލްގެ ހިންގުން ބަދަލުވެފައެއް ނުވެއެވެ. އެބޭފުޅުން ވަޑައިގަތްފަހުން ސްކޫލް ފަރާތުން ތަންތަނަށް ފޮނުވާ ރަސްމީ ލިޔުންތައް ފޮނުވަނީވެސް ޕްރިންސިޕަލް ފާޠިމަތު ޝެރިން ލިޔެފައި ސޮއިކުރެއްވުމުގެ ބަދަލުގައި ނަން ކައިރީގައި "ސޮއި" މިހެން ލިޔެލާފައެވެ.

ޕްރީސްކޫލްގައި ތަޅުއަޅުވައި ބަންދުކުރި މައްސަލައާގުޅިގެން ރަށު ކައުންސިލްގެ އިދާރާގެ ފަރާތުން އަޅުއްވާ ފިޔަވަޅުތަކަކީ ކޮބައިތޯ ސާފުކުރުމަށް މަސައްކަތް ކުރެވުނު ނަމަވެސް މަޢުލޫމާތު ދެއްވޭފަދަ ބޭފުޅަކާ އަދި މިހާތަނަށް ގުޅޭގޮތް ވެފައި ނުވާތީ މިކަމުގައި މާބޮޑު ކާމިޔާބެއް ލިބިފައި ނުވެއެވެ.

ފަންނު ޕްރީ ސްކޫލް މިއަދު ހުޅުވައި 14 ކުދިންނާއެކު ކިޔަވައިދިނަސް، މާދަމާ ސްކޫލަށް ޙާޟިރުވާނީ ކިތައްކުދިންކަމާމެދު ސުވާލު އުފެދިފައިވާއިރު، ސްކޫލްގެ އިސްފަރާތްތައް ރަށުގައިނެތި، ސަތޭކައަކުން ތިންހަތަރު ކުދިން ސްކޫލަށް ޙާޟިރުވެ، އާންޓީން ޙާޟިރުވުމާ އެމީހުންގެ މުސާރައާމެދު ސުވާލު އުފެދި، ބޯފެނުން ފެށިގެން ކިޔަވައިދިނުމުގެ ކަންކަން ބަލަހައްޓާނެމީހަކު ނެތް ހިންނަވަރު ފަންނު ޕްރީ ސްކޫލް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger