adbanner

adbanner
Home » , , , » ރިޔާސީ ކެންޑިޑޭޓުން އެނގޭތަ

ރިޔާސީ ކެންޑިޑޭޓުން އެނގޭތަ

Friday, September 6, 2013 | 4:26 PM


ރިޔާސީ އިންތިޚާބަށް އެންމެން ތައްޔާރެވެ. ކެމްޕޭންގެ ފޯރި އެންމެ މައްޗަށް ގޮސް ކެމްޕޭން ނިމި ވޯޓުލުމުގެ ވަގުތު ޖެހުނީއެވެ. ކެމްޕެއިންގައި ހަރަކާތްތެރިވާ ގިނަ މީހުން ފެންނަނީ އެ ބަޔަކު ތާއީދު ކުރާ ކެންޑީޑޭޓާ ހެދި "މޮޔަވެގެން" އުޅޭތަނެވެ. ނަމަވެސް ކޮންމެ ކެންޑިޑޭޓަކާ ބެހޭ މަޢުލޫމާތު އެނގިފައި އޮތުމަކީ ހަމަ މުހިއްމު ކަމެކެވެ. ތާއީދުކުރަނީ ކޮންމެ ކެންޑިޑޭޓަކަށް ކަމަށްވިޔަސްމެއެވެ.

ކެންޑިޑޭޓް ނަމްބަރ 1: ޤާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީގެ ލީޑަރ، އަދި ރިޔާސީ ކެންޑިޑޭޓް
ޤާސިމް އިބްރާހީމަކީ ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު  ވިޔަފާރިވެރިޔާއޭ ދެންނެވިދާނެއެވެ. "ވިލާ" ބްރޭންޑް ނަން މިއަދު ގޮސްފައިވާ ހިސާބަކީ ސުމަކުން ފަށައިގެން ޤާސިމް އިބްރާހީމްގެ އަމިއްލަފުޅު މަސައްކަތުން ހޯއްދެވި ކާމިޔާބު ކަމުގައި ދަންނަވަންޖެހެއެވެ.
ވިލާކޮލެޖް އުފައްދަވައި މަތީ ތައުލީމުގެ ފުރުޞަތު ރާއްޖޭގައި ފަހިކުރެއްވިއެވެ. ވިލާ ފައުންޑޭޝަން އުފައްދަވައި ޗެރިޓީގެ ޚިދުމަތްތައް ފަށްޓަވައި ފުޅާކުރެއްވިއެވެ. ރާއްޖޭގެ ވަރަށް ގިނަ މީހުންނަށް ހިލޭ އެހީ ދެއްވައި "ފަޤީރުންގެ ބައްޕަ" ގެ ގޮތުގައި އެއް ދުވަސްވަރެއްގައި ބުނެވެމުން ދިޔައެވެ.
ޤާސިމް އިބްރާހީމަކީ އޮނޮރަރީ ޕީއެޗްޑީ ލިބިފައިވާ ބޭފުޅެކެވެ.

ކެންޑިޑޭޓް ނަމްބަރ 2: މުޙައްމަދު ވަޙީދު ޙަސަން މަނިކު
ޤައުމީ އިއްތިޙާދު ޕާޓީގެ ލީޑަރ އަދި ޤައުމާއިގެން ކުރިއަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް
ޑރ. ވަޙީދަކީ ފެބްރުއަރީ 7 އިން ފެށިގެން ރާއްޖޭގެ ރައީސްއެވެ. ޕީއެޗްޑީ ޙާޞިލްކުރެއްވި ފުރަތަމަ ދިވެހި ދަރިއަކީ ޑރ. މުޙައްމަދު ވަޙީދު ކަމުގައި ރާއްޖޭގައި ޢާއްމުކޮށް ޤަބޫލުކޮށްފައި ވެއެވެ. ޑރ. ވަޙީދަކީ ރައްޔިތުންގެ މަޖްލިސްގެ މާލޭ މެމްބަރުކަން ކޮށްފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ޑރ.ވަޙީދަކީ ރާއްޖޭން ބޭރުގައި، އދ.ގެ ވަޒީފާތަކުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަފްޣާނިސްތާންފަދަ ޤައުމުތަކުގައި އދ.އިން ހިންގި މަޝްރޫޢުތައް ހިންގުމުގައި އިސް ދައުރުތަކެއް އަދާކުރެއްވި ބޭފުޅެކެވެ.

ކެންޑިޑޭޓް ނަމްބަރ 3: ޢަބްދުﷲ ޔާމީން
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް
ޢަބްދުﷲ ޔާމީންއަކީ ވިޔަފާރީގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވިއެވެ. އެގޮތުން ޓްރޭޑް މިނިސްޓަރކަމާއި، ހަޔަރ އެޑިޔުކޭޝަން މިނިސްޓަރކަން ކުރެއްވިއެވެ. ސިޔާސީ ޕާޓީއެއް ކަމުގައިވާ ޕީޕަލްސް އެލަޔަންސް އުފެއްދުމުގެ އިސް އެއް މޭސްތިރިއަކީވެސް ޔާމީންއެވެ.

ކެންޑިޑޭޓް ނަމްބަރ 4: މުޙައްމަދު ނަޝީދު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް
ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވައި އޭގެ ތެރެއިން ސިޔާސީ އިޞްލާޙީ މަސައްކަތްތައް ފެށްޓެވިއެވެ. ރާއްޖެ މިއަދު މިދެކޭ ސިޔާސީ، އިޤްތިޞާދީ އިޞްލާޙުތައް ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރެއްވިއެވެ. ނޫސްވެރިކަމުގެ މިނިވަންކަން ހޯދުމަށް ވަކާލާތުކުރައްވައި މަސައްކަތް ކުރެއްވިއެވެ. އެމްޑީޕީ އުފެއްދުމުގެ އެންމެ އިސް އެއް އާރުކާޓީއަކީވެސް ނަޝީދެވެ. ރައީސް މައުމޫންގެ ދިގުލައިދިޔަ ރައީސްކަން ވޯޓަކުން ނިންމައި 2008 ނޮވެމްބަރ 11 އިން ފެށިގެން 3 އަހަރަށްވުރެ ގިނަ ދުވަހު ރައީސްކަން ކުރެއްވިއެވެ. އަދި އެ މުއްދަތުގައި ރާއްޖޭގެ ވެރިން ރާއްޖެއަށް ގެންނަން ޖެހިލުންވެފައިވި ގިނަ ސިޔާސީ އަދި އިޤްތިޞާދީ ބަދަލުތައް ގެނަސްދެއްވިއެވެ.

ރިޔާސީ ކެންޑިޑޭޓުން އެނގި ދަސްވެފައިވުމަކީ ވޯޓުލުމުގެ ކުރިން މުހިއްމުކަމެކެވެ. މި ދެންނެވި ވާހަކަ ތަކުގެ އިތުރުންވެސް ގިނަ މަޢުލޫމާތު ހޯދަންޖެހޭނެއެވެ. ހަމައެކަނި ތިމާ ތާއީދުކުރާ ކެންޑިޑޭޓުންގެ މަޢުލޫމާތު ހޯދުމުގެ ބަދަލުގައި ވާދަވެރި އެހެން ކެންޑިޑޭޓުންނާ ބެހޭ މަޢުލޫމާތު ހޯދަންޖެހޭނެއެވެ. ޤައުމަށް އެންމެ ފައިދާ ކުރާނީ ކޮން ކެންޑިޑޭޓެއްތޯ ނިންމަންޖެހެއެވެ. މިއީ ވޯޓު ލުމުގެ ކުރިން ކުރަންޖެހޭ ކަމެއް ކަމުގައި ދެކޭށެވެ. މާ ގިނަ ވަގުތެއް ދެން ނެތެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger