adbanner

adbanner
Home » » ޕްރީސްކޫލްގެ ބެލެނިވެރިން ނިކުމެ ނުރުހުންފާޅުކޮށް ޕްރީސްކޫލްގައި ތަޅުއަޅުވައިފި

ޕްރީސްކޫލްގެ ބެލެނިވެރިން ނިކުމެ ނުރުހުންފާޅުކޮށް ޕްރީސްކޫލްގައި ތަޅުއަޅުވައިފި

Tuesday, September 24, 2013 | 3:30 PM

ހިންނަވަރުގައި ޕްރީސްކޫލް ހިންގާ ޢިމާރާތް

ހިންނަވަރުގައި ހުންނަ ޕްރީ-ސްކޫލްގެ ބެލެނިވެރިން ނިކުމެ ނުރުހުން ފާޅުކުރުމާއެކު ރޭ އެ ސްކޫލް ގޭޓުގައި ތަޅުއަޅުވައި ބަންދުކޮށްފިއެވެ.

ބެލެނިވެރިން ނިކުމެ ސްކޫލްގައި ތަޅުއެޅުވީ ރޭ 10 ޖަހާ އެހާއިރުއެވެ. މިކަން ކުރި ސަބަބުތަކެއް ކަމުގައި އެނގިފައިވަނީ ސްކޫލްގެ ކަންތައްތައް މުޅިން ބޮއްސުންލައިގެން ގޮސް ހިންގުމާއި ކިޔަވައިދިނުމުގެ ކަންކަންވެސް ބަލަހައްޓާނެ މީހަކު ނެތި ދޫވެފައިވުމެވެ. އެގޮތުން ދަރިވަރުންނަށް ހުންނަ ފާޚާނާ ބޭނުންކުރެވޭގޮތް ނުވެ، ޓީޗަރުންގެ ފާޚާނާއަށް ދަރިވަރުން ގެންދާންޖެހުމާއި، ބޯފެން ނެތުމާއި ޓީޗަރުންވެސް ސްކޫލް ދޫކޮށް ކެނޑިގެން ދިއުންފަދަ ދަރިވަރުންނާ ގުޅޭ އަސާސީ ކަންތައްތައް ހިމެނެއެވެ. އަދި އޭގެ އިތުރުން ޓީޗަރުންނަށް މުސާރަ ނުދޭ މައްސަލަތަކާއި، އެކަމާހުރެ ޓީޗަރުންގެ މަސައްކަތުގެ ފެންވަރުވެސް ދަށްވާކަމަށް ބެލެނިވެރިން ޝަކުވާ ކުރާކަމަށް އެނގިފައިވެއެވެ.

ޕްރީސްކޫލްގައި ރޭ ތަޅުއެޅުވިގޮތަށް މިއަދުވެސް ކިޔަވައިނުދީ ތަޅުލާފައި ހުރިކަމަށް އެނގިފައިވެއެވެ. ނަމަވެސް މިއަދު މެންދުރުފަހު އެ ސްކޫލްގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން އެ ތަޅު ކީހާލައިގެން ސްކޫލަށްވަދެ އުޅުއްވިކަމަށް ވެއެވެ. އަދި މިއަދު މެންދުރުފަހުން ބެލެނިވެރިން ރަށު ކައުންސިލް އިދާރާ ދޮށަށް އެއްވިއެވެ.

މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މީގެ އިރުކޮޅެއް ކުރިން ރަށު ކައުންސިލަށް ގުޅާލުމުން އެވަގުތު ޕްރީ ސްކޫލްގެ ޓީޗަރުންނާއި، އިޙްތިޖާޖްކުރާ ބެލެނިވެރިންނާއެކު ކައުންސިލްގެ ރައީސް ބައްދަލުކުރައްވާކަމުގައި މަޢުލޫމާތު ލިބުނެވެ.

މީގެ ދެތިން އަހަރެއް ކުރިން ފާސްކުރި ޕްރީސްކޫލާ ބެހޭ ޤާނޫނުގައި ޕްރީ ސްކޫލް ހިންގާނީ ރަށު ކައުންސިލްގެ އިދާރާގެ ދަށުން ކަމަށް އޮތަސް ހިންނަވަރު ޕްރީ ސްކޫލް ސީދާ އެގޮތަށް ރަށުކައުންސިލްގެ އިދާރާއާ ޙަވާލުވެފައި ނުވާކަމަށް އެނގިފައިވެއެވެ. އަދި ސްކޫލް ހިންގެވުމާ ޙަވާލުވެ ހުންނެވި ބޭފުޅާ މިހާރު ރަށުގައިވެސް ނޫޅުއްވާކަމަށް ވެއެވެ. އަދި އެހެންކަމުން ސްކޫލްގެ ޢާއްމު އިދާރީ ކަންކަން ބަލަހައްޓަވަނީ ކިޔަވައިދެއްވާ ޓީޗަރުންކުރެ ބޭފުޅެއްކަމަށް ވެއެވެ. އެހެންކަމުން ޕްރީސްކޫލުން ތަންތަނަށް ފޮނުވާ ރަސްމީ ލިޔެކިޔުންތަކުގައިވެސް ސޮއިކޮށްފައި އޮތުމުގެ ބަދަލުގައި  ނަން ކައިރީގައި "ސޮއި" މިހެން ލިޔެފައި ރަސްމީ ލިޔެކިޔުންތައްވެސް ތަންތަނަށް ފޮނުވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިކަމުގެ ފުރިހަމަ މަޢުލޫމާތު ހޯދުމަށް މިދަނީ މަސައްކަތްކުރަމުންނެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger