adbanner

adbanner
Home » , » ހިންނަވަރުވެސް ވޯޓަށް ތައްޔާރުވެ އަމާން އޮމާން އިންތިޚާބެއްގެ އިންތިޒާރުގައި

ހިންނަވަރުވެސް ވޯޓަށް ތައްޔާރުވެ އަމާން އޮމާން އިންތިޚާބެއްގެ އިންތިޒާރުގައި

Saturday, September 7, 2013 | 2:23 AM


މުޅި ރާއްޖޭ އޮތީ އިންތިޚާބަށް ތައްޔާރުވެފައެވެ. ކެމްޕޭން ނިމި ވޯޓުގެ ކުރީރޭގެ ހަމަހިމޭންކަން ގުނަމުންދާއިރު ހިންނަވަރުވެސް އޮތީ އިންތިޚާބަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

ވޯޓުލާ މަރުކަޒުތައް ވަނީ ތައްޔާރުކުރެވިފައެވެ. އޮފިޝަލުން ތަމްރީނުކޮށް އިންތިޚާބުގެ  މިފަދަ ހުރިހާ ކަމެއް ހުރީ އެހެން ރަށްރަށެކޭ އެއްގޮތަށް ތައްޔާރުވެފައެވެ. ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި ފުލުހުންގެ ޙަރަކާތްތައްވެސް ރަށުތެރެއިން ފެނިގެން ދެއެވެ.

ދެން އޮތީ އިންތިޚާބުގެ ވާދަވެރިންނާއި ރަށުން އެކަންކަމުގައި އުޅޭ މީހުންގެ ވާހަކައެވެ. ކެމްޕެއިންގެ އެންމެ ފަހުވަގުތުގެ ކަންތައް ނިންމައި ހުރިހާ ފަރާތްތަކުންވެސް ތިބީ ހިތްހަމަ ޖެހިފައެވެ. ވަކިވަކިން ވާހަކަދައްކާލުމުން 4 ކެންޑިޑޭޓުންނަށް މަސައްކަތް ކުރާ ފަރާތްތަކުންވެސް ބުނެފައިވަނީ ކެމްޕޭނާމެދު ހިތްހަމަޖެހޭ ކަމަށާއި އިންތިޚާބަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމުގައެވެ. އޭގެ ތެރޭގައި އޮފިޝަލުންނާއި މަންދޫބުން، އޮބްޒާވަރުންފަދަ ހުރިހާ ކަމެއް ހިމެނެއެވެ. އަދި އަމާން އޮމާން އިންތިޚާބެއް ހިންނަވަރުން ފެނިގެން ދިއުމަށް ހުރިހާ ބޭފުޅުންވެސް އުއްމީދުކުރާކަމަށް ބުނެއެވެ. އަދި އެބޭފުޅުން އެގޮތަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

އެހެންކަމުން ހިންނަވަރު އިންތިޚާބަށް ތައްޔާރުވެފައިވުމުގެ މާނައަކީ ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ފާޅުކޮށްފައިވާ މީހުންނަށް ވޯޓުނަގާ ދުވަހު ތަފާތު އެހީތެރިކަން ދިނުމެވެ. ޙާލު ބެލުމުން ފެށިގެން ވޯޓު ނަގާ މަރުކަޒުތަކަށް އެމީހުން ގެންގޮސްދިނުމާއި ސައިދިނުމާއި އެކުގައި ވަގުތު ހޭދަކުރުންފަދަ ކަންކަމުންނެވެ. މި އިންތިޚާބުންވެސް އެފަދަ މަންޒަރުތައް ހިންނަވަރުގައި ފެނިގެންދާނެކަން ޔަޤީންކުރެވެއެވެ.

ހިންނަވަރުގައި މިފަހަރު ބަހައްޓަނީ 5 ފޮށްޓެވެ. އެއީ އުތުރު އަވަށުގައި ޞިއްޙީ މަރުކަޒު ކައިރިން ހުންނަ މިހާރު ޕްރީ ސްކޫލް ހިންގާ ޢިމާރާތުގައި ބަހައްޓާ G01.01.1 އާއި G01.01.2  މި ދެފޮށްޓާއި ދެކުނު އަވަށުގައި، ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ މައި ޢިމާރާތުގައި ބަހައްޓާ  G01.01.3 އާއި G01.01.4 އާއި G01.01.5 މި ނަމްބަރުތަކުގެ ތިން ފޮށްޓެވެ. މީގެ ތެރެއިން ހިންނަވަރުގައި ވޯޓުލާ އެހެން ރަށްރަށުގެ މީހުން ވޯޓުލާނީ  G01.01.4 މި ނަމްބަރު ފޮށްޓަށެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger